ސަރުކާރު ކުންފުނިތައް ހިންގައި ނުހިނގާ ގޮތް ބަލާ، ޕްރައިވެޓައިޒޭޝަން ބޯޑުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ގެ މަގާމަށް މަރިޔަމް ޝަފީގް ހަމަޖައްސައިފިއެވެ.

މަރިޔަމް ޝަފީގް މީގެ ކުރިން ވަނީ އާސަންދަ ކުންފުނީގެ މެޑިކަލް ޑިރެކްޓަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

އާސަންދަ ކުންފުނީގެ އެމްޑީގެ މަގާމުގައި ކުރިން ހުންނެވީ އަހުމަދު އަޒީމެވެ. ނަމަވެސް އާ ސަރުކާރާއެކު އޭނާ ވަނީ ވަކި ކުރައްވައިފައެވެ. އޭގެ ފަހުން އެ ކުންފުނީގެ އެކްޓިން އެމްޑީއެއްގެ ގޮތުގައި ހުންނެވީ ހުސައިން ޒާހިރެވެ.

ޕްރައިވެޓައިޒޭޝަން ބޯޑުން ވަނީ އާސަންދަ ބޯޑުގެ ނޮން އެކްޒެކިއުޓިވް ޑައިރެކްޓަރަކަށް ހ. އައިބަހާރު އާމިލާ ލަތީފް އަދި މ. ވިކްޓްރީ މުހައްމަދު އާމިރު ވެސް އައްޔަނުކޮށްފައެވެ.

މިދިޔަ އަހަރު އާސަންދަޔަށް ބަޖެޓްކުރި ވަރަށް ވުރެ 118 ޕަސެންޓް އިތުރަށް އާސަންދަ ކުންފުނިން ޚަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހަފުތާ މާލީ ބަޔާނުން ވަނީ ހާމަވެގެން ގޮސްފައެވެ.

އާސަރުކާރުން ވެރިކަމާ ހަވާލުވިފަހުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އެ ކުންފުނި ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.