އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރަކު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް އެކަމަށް އެ ވޯޓަށް މިއަދު ނޭހި މަޖިލިސް ނިންމާލައިފި އެވެ.

އީސީއަށް މެންބަރަކު ހަމަޖެއްސުމަށް ރައިސުލްޖުމްހޫރިއްޔާ ފޮނުއްވި 16 ނަން ދިރާސާ ކުރުމަށް ފޮނުވީ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށެވެ. އަދި އެ ކޮމެޓީގެ މުގައްރިރު ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވަނީ މިއަދުގެ ޖަލްސާއަށް ކޮމެޓީ ރިޕޯޓް ހުށަހަޅުއްވައިފަ އެވެ.

އީސީއަށް މެންބަރަކު އައްޔަނު ކުރުމަށް ނަގަން ހަމަޖެއްސި ވޯޓު މިއަދު ނަގާފައި ނުވަނީ އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު ފޮނުއްވި ސިޓީއަކާ ގުޅިގެންނެވެ.

އެ ސިޓީ މަޖިލީހަށް އިއްވަވަމުން، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، އެ ރިޕޯޓަކީ މަޖިލީހުން ފާސްކޮށްފައިވާ ރިޕޯޓެއް ނޫން ކަމަށް އަސްލަމް ސިޓީއެއް ފޮނުއްވާފައިވާ ކަމަށެވެ.

އެހެންކަމުން އަސްލަމް އަކީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ އިތުރުން އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މެންބަރަކަށް ވުމުން އެ މައްސަލަ އިތުރަށް ބައްލަވައި ސާފުކުރެއްވުމަށް ފަހު ވޯޓަށް އެހުމަށް ނިންމާފައިވާ ކަމަށް ގާސިމް ވިދާޅުވި އެވެ.

އީސީ އަށް މެންބަރަކު އައްޔަން ކުރުމުގެ ވޯޓު މިއަދު ނެގިފައި ނުވާ އިރު ސަރުކާރުން އުފައްދާފައިވާ ދެ ރިޔާސީ ކޮމިޝަނަށް ބާރު ދިނުމުގެ ބިލް، ކޮމެޓީން ދިރާސާ ކުރި ގޮތާ ހިލާފަށް ހުށަހަޅާފައިވާ ކަމަށް ބުނެ މަޖިލީހުގެ ރައީސަށް ވަނީ ސިޓީއެއް ފޮނުއްވައިފަ އެވެ. އެކަމާ ގުޅިގެން އެ ބިލަށް ވެސް ވަނީ ވޯޓަށް ނޭހި ހުއްޓުމަކަށް އައިސްފަ އެވެ.