05 Mar 2019, 14:25
ފުލުހުންނަނީ ކުލުނާއި އޯގާވެރިކަމާއެކު ގާނޫނު ތަންފީޒު ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން އެހެން ވިދާޅުވީ، ޕޮލިސް ރިފޯމް ސިމްޕޯޒިއަމް 2019 ފެށުމަށް ގައުމީ ޔުނިވާސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިމްރާން މިއަދު ވިދާޅުވީ، ފުލުހުންގެ ރިފޯމް މަސައްކަތް ނިމޭ އިރު، ފުލުހުންގެ މުއައްސަސާ އަކީ ރައްޔިތުންގެ ފުރިހަމަ އިހުތިރާމް ލިބިގެންވާ މުއައްސަސާއަަކަށް ހެދެން ޖެހޭ ކަމަށެވެ. އަދި ފުލުހުންނަކީ ކުލުނާ އެކު ގާނޫނު ތަންފީޒު ކުރާ ބަޔަކަށް ހެދެން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު މި މަސައްކަތް ނިމިގެންދާއިރު ތިން ކަމަކަަށް އިޝާރަތް ކުރަން. އެންމެ ފުރަތަމަ ކަމަކީ ފުލުންގެ މުއައްސަސާއަކީ ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ރައްޔިތުންގެ ފުރިހަމަ އިހުތިރާމް ލިބިގެންވާ މުއައްސަސާއަަކަށް ހެދެން ޖެހޭ. އަދި އަޅުގަނޑުމެން ފުލުހުންގެ މުއައްސަސާއިން ނުކުމެ މަސައްކަތް ކުރާ އިރު ފުލުހުންނަކީ އޯގާވެރިކަމާއި ހަމްދަރުދީއާއި ކުލުނާ އެކު ގާނޫނު ތަންޒީޒު ކުރާ ބަޔަކަށް ހަދަން ޖެހޭ،"
ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރުމުގައި އާރެއް ބާރެއް ނެތް ބަޔަކަށް ވެގެން ނުވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެހެން ނަމަވެސް، އޭގެ މާނައަކީ ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"ފަހަރެއްގައިވެސް ފުލުންނަކީ ގާނޫނު ތަންފީޒު ކުރުމުގައި އާރެއް ބާރެއް ނެތް ބަލިކަށި ބައެއް ކަމުގައި ވެގެން ނުވާނެ. ފުލުހުންނަކީ ގާނޫނު ތަންފީޒު ކުރުމުގެ ބާރުު ލިބިގެންވާ ބައެއް. އެކަމުގެ ހައްގު ލިބިގެންވާ ބައެއް. އެކަމުގެ އޮތޯރިޓީ އޮންނަން ޖެހޭ ބައެއް. އޭގެ މާނައެއް ނޫން ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުން. އެހެންކަމުން ކުލުނާއި އޯގާވެރިކަމާއި ހަމްދަރުދީއާ އެކުގައި ފުރިހަމަ ބާރާއެކު ގާނޫނު ތަންފީޒު ކުރެވެން ޖެހޭ،"
އޭގެ އިތުރުން އޭނާ މިއަދު ވިދާޅުވީ، ފުލުހުންނާއި ރައްޔިތުންނާ އޮތް ގުޅުމަކީ މައިމީހާއާއި ދަރިޔާއާ މެދު އޮންނަ ފަދަ ގުޅުމެއް ކަމަށެވެ.
"މި މުއައްސަސާއާ ދިވެހި ރައްޔިތުންނާ އޮތް ގުޅުމަކީ މައި މީހާއާއި ދަރިޔާއާ ދެމެދު އޮންނަ ގުޅުން. ދިވެހި ރައްޔިތުންނަކީ މިމުއައްސަސާގެ ހަގީގީ މައިމީހާ. ފުލުހުންނަކީ ރައްޔިތުންނާއި ދުރު، ރައްޔިތުންނާ ވަކި ރައްޔިތުންގެ މައްޗަށް ބާރުވެރިވާ ބައެއްގެ ގޮތުގައި ދެކިގެން ނޫން މަސައްކަތް ކުރަމުން މިދަނީ،"
މިނިސްޓަރު މިއަދު ވިދާޅުވީ، ދަތިތައް ހުރަސް ކުރެވި ލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ކުރެވިގެންދާނެ ކަމާމެދު ޝައްކެތް ނެތް ކަމަށެވެ.