އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް މިހާރު ވެސް އެ ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

އީސީގެ މެންބަރު ހަބީބްގެ ދައުރު ހަމަވާތީ ކުރިމަތިލުމަށް ހުޅުވާލުމުން 16 ފަރާތަކުން ވަނީ ކުރިމަތިކައްވައިފަ އެވެ. އެ ނަންތައް ދިރާސާ ކުރެއްވި މަޖިލީހުގެ މިނިވަން މުއަސަސާތަކުގެ ކޮމެޓީން އެންމެ މަތިން މާކުސް ދީފައި ވަނީ ހަބީބް އަށެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ރިޕޯޓްގައިވާ ގޮތުން އިސްމާއިލް ހަބީބަށް ލިބިވަޑައިގަތީ 90.28 ޕަސެންޓް މާކުސް އެވެ. ދެވަނަ އަށް އެންމެ ގިނަ މާކްސް ލިބިލެއްވީ އަހްމަދު މޫސާ އަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 75.57 މާކުސް އެވެ.

އީސީއަށް ހަބީބް އައްޔަނު ކުރުމަށް 58 މެންބަރުން ވަނީ ވޯޓު ދެއްވި އެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ ވޯޓަށް އެހީ ހަބީބުގެ ނަންފުޅަށެވެ. އަދި އެ ނަންފުޅު ފާސްވުމާ އެކު އިތުރު ނަންތަކަށް ރިޔާސަތުން ގާސިމް އިބްރާހީމް ވޯޓަކަށް ނާއްސަވަ އެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް ޝަރީފް (ކ) އާއި އެކު މެންބަރު ހަބީބު (މ) އަދި އަކްރަމް: ހަބީބަށް ރުހުން ދިނުމަށް - މެންބަރުން ވޯޓު ދެއްވި --

އިލެކްޝަންސް ކޮމިޝަނުގައި އެ ކޮމިޝަނުގެ ރައީސާއެކު މަދުވެގެން ފަސް މެމްބަރުން ތިބެން ޖެހޭ އިރު، މެމްބަރުކަމަށް އައްޔަނުކުރާނީ އެ މަގާމަށް މީހުން ކުރިމަތިލައި، އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން އެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ މީހެކެވެ.

އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުކަން ކުރެވޭނީ އުމުރުން 25 އަހަރު ވެފައިވާ މުސްލިމު ދިވެހި ރައްޔިތަކަށެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އެ މީހަކު އަދަކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ އިރު، ގާނޫނު އަސާސީ ނުވަތަ އެއްވެސް ގާނޫނެއްގެ ދާށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރާ މީހަކަށް އެ މީހަކު ވެގެން ނުވާނެ އެވެ.

ހަބީބުގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާއާއި ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކްރަމް އަދި މެމްބަރު އަލީ ނަޝާތެވެ.