12 Oct 2011, 14:57
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީގެ ކެޕްޓަން ކަމުގެ ދަށުގައި ކުޅޭ އާޖެންޓީނާ ގައުމީ ޓީމު ބޮޑު ލަދަކާ ކުރިމަތިލާން ޖެހިއްޖެ އެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ ގޮތުން ސައުތު އެމެރިކާ ސަރަހައްދުގެ ކޮލިފައިން ބުރުގައި ރޭ އާޖެންޓީނާ ބަލިވެފައި ވަނީ ވެނެޒުއޭލާ އަތުން ނެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން ނަން މަޝްހޫރު އެތައް ކުޅުންތެރިންތަކެއް ހިމެނޭ އާޖެންޓީނާގެ މައްޗަށް ވެނެޒުއޭލާ އިން ކުރި ހޯދީ 1-0 ލަނޑުގެ ނަތީޖާ އަކުންނެވެ. ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ގިނަ ހަމަލާތަކެއް އުފެއްދީ ވެސް ވެނެޒުއޭލާ އިން ނެވެ. އެގޮތުން ވެނެޒުއޭލާ އިން ތޭރަ ހަމަލާ އުފައްދާފައިވާ އިރު، އާޖެންޓީނާ އަށް އުފެއްދުނީ އެގާރަ ހަމަލާއެވެ. މެޗުގެ 64 ވަނަ މިނެޓުގައި ވެނެޒުއޭލާ އިން ކާމިޔާބުކުރި ލަނޑަކީ ފެނާންޑޯ އަމޮރެބިއެޓީ ބޮލުން ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ފަހު މިނެޓުގައި ޕެރަގުއޭ އިން އުރުގުއޭ ހުފެހެއްޓި ނަމަވެސް އެޓީމު އުޅެނީ މިސަރައްހައްދު ގްރޫޕުގެ އެއްވަނާގަ އެވެ. 1-1 ލަނޑުން ނިމިގެންދިޔަ މިމެޗުގެ 67 ވަނަ މިނެޓުގައި ޑިއޭގޯ ފޯލާން އުރުގުއޭ އަށް ލީޑު ހޯދައިދީފައި ވަނިކޮށް ފަހު މިނެޓުގައި ކްރިސްޓިއަން ރިވޭރޯސް ވަނީ ޕެރަގުއޭ އަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
އިތުރު ވަގުތުގައި ރަޑަމެލް ފަލްކާއޯ ގާސިއާ ކޮލަމްބިއާ އަށް ކާމިޔާބު ކޮށްދިން ލަނޑާ އެކު، އެ ޓީމަށް ވަނީ ފުރަތަމަ ތިން ޕޮއިންޓް ލިބިފަ އެވެ. ބޮލީވިއާއާ ދެކޮޅަށް ކުޅުނު މެޗުގެ 48 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޑޯލާން ޕަބޯން ލީޑު ހޯދައިދީފައި ވަނިކޮށް، މެޗުގެ 84 ވަނަ މިނެޓުގައި ބޮލީވިއާގެ ވޯލްޓާ ފްލޯރެސް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ފަލްކާއޯ ޖެހި ލަނޑާ އެކު ކޮލަމްބިއާ މިމެޗުން މޮޅުވީ 2-1 ލަނޑުންނެވެ.
ޕެރޫގެ މައްޗަށް ފަސޭހަކަމާއެކު ޗިލީ ވަނީ މޮޅުވެފަ އެވެ. މެޗުގެ އެއްވަނަ މިނެޓުގައި ޗިލީ އަށް ލީޑު ހޯދައިދިނީ ވަލްޑޯ ޕޮންޗޭ އެވެ. އޭގެ ސޯޅަ މިނެޓް ފަހުން އެޑުއާޑޯ ވާގަސް ވަނީ ޗިލީ އަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މެޗުގެ 47 ވަނަ މިނެޓުގައި ގޭރީ މެޑެލް ޖެހި ލަނޑާއި އެކު ޗިލީ އަށް ތިން ލަނޑުގެ ލީޑެއް ލިބުނެވެ. މެޗުގެ 49 ވަނަ މިނެޓުގައި ކްލައުޑިއޯ ޕިޒާރޯ ވަނީ ޗިލީގެ ގޯލު ހުޅުވާލާފަ އެވެ. އޭގެ ދިހަ މިނެޓްފަހުން ޕެރޫގެ ޖެފާސަން ފާފަން ގެ ލަނޑުން ޗިލީގެ ލީޑު އެއް ލަނޑަށް ހަނިވެގެން ދިޔަ އެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޗިލީ އަށް ލިބުނު ޕެނަލްޓީއަކުން ހަމްބާޓޯ ސުއާޒޯ ވަނީ އަލުން ލީޑު ފުޅާ ކޮށްދީފަ އެވެ. މިމެޗު ނިމިގެންދިޔައީ 4-2 ލަނޑުން ޗިލީ ކުރީގައި އޮވެގެންނެވެ.
މިސަރަހައްދުގެ ގްރޫޕް ސްޓޭޖުގެ އެއްވަނާގައި އޮތީ އުރުގުއޭ އެވެ. އުރުގުއޭ އަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އާޖެންޓީނާ، އިކުއެޑޯ، ވެނެޒުއޭލާ، ޗިލީ، ކޮލަމްބިއާ އަދި ޕެރީ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ. ޕެރަގުއޭ އަށް އެއް ޕޮއިންޓް ލިބިފައިވާ އިރު، ބޮލީވިއާ އަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.
ސައުތު އެމެރިކާ ސަރަހައްދުގެ ކޮލިފައިންގައި ބްރެޒިލް ނުހިމެނެނީ، އެގައުމުގައި މިމުބާރާތް ބާއްވާތީ އޮޓޮމެޓިކުން ޖާގައެއް ލިބިފައިވުމުންނެވެ. އެހެންކަމުން މިސަރަހައްދުގެ އެއްވެސް ޓީމަކަށް ބްރެޒިލްގެ ބިރުވެރިކަމެއް ނެތެވެ.