05 Mar 2019, 10:51
އިލެކްޝަން ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލި 16 ބޭފުޅުންގެ ނަންތައް ދިރާސާ ކުރި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއަސަސާތަކުގެ ކޮމެޓީން އެންމެ މަތިން މާކުސް ދީފައިވަނީ މިހާރު ވެސް އެ ކޮމިޝަނުގެ މެންބަރު އިސްމާއިލް ހަބީބަށެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީ ރިޕޯޓްގައިވާ ގޮތުން އިސްމާއިލް ހަބީބަށް ލިބިވަޑައިގަތީ 90.28 ޕަސެންޓް މާކުސް އެވެ. ދެވަނަ އަށް އެންމެ ގިނަ މާކްސް ލިބިލެއްވީ އަހްމަދު މޫސާ އަށެވެ. އޭނާ އަށް ލިބިވަޑައިގަތީ 75.57 މާކުސް އެވެ.
އީސީއަށް މެނަބަރަކު އައްޔަނު ކުރުމަށް ހުށަހަޅާފައި މިވަނީ އެ ހަބީބްގެ ދައުރު ހަމަވާތީ އެވެ. އަދި މިއަދުގެ ޖަލްސާގައި ވަނީ މެންބަރަކު އައްޔަނު ކުރުމަށް ވޯޓަށް އެހުމަށް އެޖެންޑާ ކޮށްފަ އެވެ.
އިލެކްޝަންސް ކޮމިޝަނުގައި އެ ކޮމިޝަނުގެ ރައީސާއެކު މަދުވެގެން ފަސް މެމްބަރުން ތިބެން ޖެހޭއިރު، މެމްބަރުކަމަށް އައްޔަނުކުރާނީ އެ މަގާމަށް މީހުން ކުރިމަތިލައި، އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ނަންތަކުގެ ތެރެއިން އެ މަޖިލީހުގެ އަގުލަބިއްޔަތުން ފާސްކުރާ މީހެކެވެ.
އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ކޮމިޝަނުގެ މެމްބަރުކަން ކުރެވޭނީ އުމުރުން 25 އަހަރު ވެފައިވާ މުސްލިމު ދިވެހި ރައްޔިތަކަށެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އެ މީހަކު އަދަކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާ އިރު، ގާނޫނު އަސާސީ ނުވަތަ އެއްވެސް ގާނޫނެއްގެ ދާށުން އިންތިހާބުކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރާ މީހަކަށް އެ މީހަކު ވެގެން ނުވާނެއެވެ.
ހަބީބުގެ އިތުރުން އެ ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފާއި ނައިބު ރައީސް އަމްޖަދު މުސްތަފާއާއި ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކްރަމް އަދި މެމްބަރު އަލީ ނަޝާތެވެ.