05 Mar 2019, 10:11
ވޮޝިންޓަން (މާޗް 5): އަންނަ އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް ހިލަރީ ކްލިންޓަން ވިދާޅުވެއްޖެ އެވެ.
ދެހާސްސޯޅަ ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރައީސް ކަމަށް ވާދަ ކުރެއްވުމަށް ފަހު ނާކާމިޔާބުވި ކްލިންޓަން ވިދާޅުވީ ވެރިކަމަށް ވާދަ ނުކުރެއްވި ނަމަވެސް ސިޔާސީ މައިދާނުގައި ދެމިހުންނަވާނެ ކަމަށެވެ.
"ވެރިކަމަށް ވާދައެއް ނުކުރަން، ނަމަވެސް އަޅުގަނޑުގެ (ސިޔާސީ) މަސައްކަތްތައް ކުރިއަށްގެންދާނަން އަދި އަޅުގަނޑުގެ ހިޔާލު ފާޅު ކުރާނަން،" ސީއެންއެންއާ ގުޅުން ހުރި ނޫހަކަށް ކްލިންޓަން ވިދާޅުވި އެވެ.
މީގެ އިތުރުން ގަވަރުނަރު ކަމަށް ނުވަތަ މޭޔަރު ކަމަށް ނުވަތަ އެފަދަ އެހެން އިންތިހާބީ މަގާމަކަށް ވާދަ ކުރައްވާނަންތޯ ސުވާލު ކުރުމުންވެސް ކްލިންޓަން ވަނީ އެފަދަ މަގާމަކަށްވެސް ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
މީގެ ކުރިންވެސް ކްލިންޓަން ވަނީ ދެން ވެރިކަމަށް ވާދަ ނުކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރު މަހު އެކަމަނާ ދެއްވި އިންޓަވިއުއެއްގައި، "ރައީސަކަށް ވާން ބޭނުންވާ" ކަމަށް ވިދާޅުވުމުން ބައެއް ފަރާތްތަކުން ވަނީ އެކަމަނާ ވެރިކަމަށް ކުރިމަތިލައްވާނެ ކަމަށް ލަފާކޮށްފަ އެވެ.
އެމެރިކާގެ ފަސްޓް ލޭޑީގެ ގޮތުގައި އަށް އަހަރު ހޭދަ ކުރެއްވި ހިލަރީ ކްލިންޓަން ވަނީ އެގައުމުގެ ސެނެޓަރުކަން 2001 އިން 2009އަކަށް ކުރައްވާފަ އެވެ. އަދި 2009އަކުން 2013އަށް ގައުމުގެ ސެކްރެޓަރީ އޮފް ސްޓޭޓްގެ މަގާމު އަދާ ކުރައްވާފަ އެވެ.
އަންނަ އަހަރު ބާއްވާ އެމެރިކާގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީގެ ކެނޑިޑެސީއަށް ވާދަ ކުރައްވާ ފަރާތްތަކުގެ ތެރޭގައި ސެނެޓާ ބާނީ ސޭންޑާސް، ސެނެޓާ އެލިޒަބެތު ވޮރެން، ސެނެޓާ ކަމަލާ ހެރިސް، ސެނެޓާ ކާސްޓެން ޖިލިބްރޭންޑް، ކުރީގެ ސެކްރެޓަރީ އޮފް ހައުސިން ހޫލިއާން ކާސްޓްރޯ ހިމެނެ އެވެ. އެއީ ޑިމޮކްރެޓިކް ޕްރައިމަރީގައި އެކަކަށް ވުރެ ގިނަ އަންހެނުން ވާދަ ކުރައްވާ ފުރަތަމަ ފަހަރެވެ.