05 Mar 2019, 10:16
ސޯޝަލް ހައުސިންގް މަޝްރޫއު ނުވަތަ ހިޔާ މަޝްރޫއުގެ ފްލެޓަށް ޝަރުތު ހަމަވާކަމަށް ލިސްޓުކޮށްފައިވާ ފަރާތްތަކަށް، ސަރުކާރުން އިތުރަށް ފްލެޓު އަޅަން ޖެހިއްޖެނަމަ އެކަން ކޮށްގެންވެސް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމަށް ހައުސިންގް މިނިސްޓަރު އައިމިނަތު އާތިފާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ކުރީ ސަރުކާރުން އެޅުމަށް ނިންމާފައިވާ ފްލެޓްތަކަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާތީ އެކަމާ ގުޅޭ ގޮތުން ސުވާލު ކުރެއްވުމަށް ހައުސިން މިނިސްޓަރު އާތިފާ މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކޮށްފައެވެ.
ނިމިދިޔަ ސަރުކާރުން ވަނީ ދެ ކޮޓެރީގެ 7،000 ފްލެޓު އަޅަން ފަށައިފައެވެ. އަދި ދެ ކޮޓަރީގެ އިތުރު 2،500 ފްލެޓު އެޅުމަށް ނިންމައި އެ ފުލެޓުތަކަށް ކުރިމަތިލުމަށް ހުޅުވާލައި، އަދި ފްލެޓުތައް ލިބޭނެ ފަރާތްތައްވެސް ވަނީ އިއުލާނުކޮށްފައެވެ.
މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ، ސޯޝަލް ހައުސިންގެ ދަށުން އަޅަމުންދާ ފްލެޓްތަކަކީ ޖާގައިގެ ގޮތުން ކުދި ތަންތައްކަމަށް ވުމުން ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން އެ ތަންތަން ބޮޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފުލެޓުތަކުގެ ސުޓުރަކްޗާއަށް ބަދަލު ނާންނަ ގޮތަށް ދެ ކޮޓަރިން ތިން ކޮޓެރިއަށް ފުލެޓުތައް ބަދަލުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެގޮތަށް ހެދުމުން ފުލެޓުތަކުގެ އަދަދު 3،588 އަށް ބަދަލުވެގެން ދާނެކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"މި ގެނައި ބަދަލާއެކު ފްލެޓުތަކުގެ އަދަދު މަދުވި ކަމުގައި ވީ ނަމަވެސް މި ޕްރޮގްރާމްގެ ދަށުން ލިބޭނެ ކަމަށް ހޮވިފައިވާ ޝަރުތު ފުރިހަމަވާ ހައްގުވެރިންނަށް ފްލެޓް ދިނުމަށްޓަކައި ސަރުކާރުން އިތުރު ފްލެޓު އިމާރާތްކޮށް އެ ފަރާތްތަކަށް ހައްގުވާ ފްލެޓުތައް އެ ފަރާތްތަކަށް ދޭނެ،" މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.
ފްލެޓުތަކާއި ގުޅިގެން ވަރަށް ގިނަ ޝަކުވާތަކަށް ހުށަހަޅަމުން އަންނަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެ ހުރިހާ ޝަކުވާތަކެއް، ފްލެޓުގެ މައްސަލަ ބެލުމަށް ރައިސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމެޓީއަށް ފޮނުވަމުންދާ ކަމަށެވެ.