05 Mar 2019, 10:07
ގެރެތް ބޭލް އެއްވެސް އިތުރު ކުލަބަކަށް ދާން ނުވިސްނާ ކަމަށާ، ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނަކީ އެއްވެސް އިހުތިރާމެއް ނެތް ބައެއް ކަމަށް ބޭލްގެ އެޖެންޓް ޖޮނަތަން ބާނެޓް ބުނެފިއެވެ.
ރެއާލް މެޑްރިޑްއާއި ބާސެލޯނާ އެންމެ ފަހުން ބައްދަލުކޮށް، 0-1 އިން ރެއާލް ބަލިވު މެޗުގެ 61 ވަނަ މިނަޓުގައި ބޭލް ބަދަލު ކުރަން ކޯޗު އެންގުމުން އޭނަ ދަނޑު މަތިން ފައިބައިގެން އައި ވަގުތު ރެއާލްގެ ސަޕޯޓަރުން ވަނީ އޭނާއާ ދިމާ ކުރުމުގެ ގޮތުން "ހޯއް" ލާ ހަދާފައެވެ. އެ މެޗުގައި ބޭލްގެ ފައިގައި ބޯޅަ ޖެހުނީ އެންމެ 20 ފަހަރު އެވެ.
މީގެ އިތުރުން އެންމެ ފަހުން ލެވަންޓޭއާއި ރެއާލް ބައްދަލު ކުރި މެޗުން 1-2 ގެ ނަތީޖާއަކުން އެ ޓީމު މޮޅުވި މެޗުގައި ގޯލު ޖެހުމަށްފަހު ބޭލް އުފާ ފާޅު ކޮށްފައެއް ނުވެއެވެ. އަދި އެ ގޯލު ޖެހުމުން އެ ޓީމު ކުޅުންތެރިން އައިސް ކޮނޑަށް އަތް ލުމުން ބޭލް ވަނީ ފޮޅުވާލާ ކުޅުންތެރިންނާ ދުރަށް ގޮސްފައެވެ.
މަޝްހޫރު ކުޅިވަރުގެ ނޫހެއް ކަމަށްވާ "ސްކައި ސްޕޯޓްސް" އަށް ދިން އިންޓަވިއުއެއްގައި ބޭލް ދިފާއުކުރަމުން އޭނަގެ އެޖެންޓް ޖޮނަތަން ބާނެޓް ބުނެފައި ވަނީ ރެއާލް މެޑްރިޑްގެ ސަޕޯޓަރުންނަކީ އެއްވެސް އިހުތިރާމެއް ނެތް ބައެއް ކަމަށެވެ.
"ގެރެތް ބޭލް އަކީ އެންމެ މަތީ ފެންވަރުގެ އިހުތިރާމް ލިބެންޖެހޭ ފެންވަރުގެ ކުޅުންތެރިއެއް. ވޭތުވެ ދިޔަ ހަ އަހަރު އޭނަ ވަނީ މި ކުލަބުގައި [ރެއާލް މެޑްރިޑްގައި] ހޯދެން ހުރި ހުރިހާ ކާމިޔާބީއެއް ހޯދާފަ. އޭނަ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާ. މި ކުލަބުގެ ސަޕޯޓަރުން އޭނަގެ ފަޔަށް ބޮސް ދޭ ހާ ވެސް ބޮޑެތި ހިދުމަތް މި ކުލަބަށް އޭނާ ކޮށްދީފި. ބަދަލުގައި މި ފެންނަނީ އެއްވެސް އިހުތިރާމެއް ނުލިބޭތަން." ޖޮނަތަން ގެ ވާހަކައިގައި ބުންޏެވެ.
ބާނެޓް ބުނި ގޮތުގައި އެކިއެކި ފަރާތުން ދަނީ ބޭލް މެޑްރިޑްގައި އެކަނިވެރި ވެފައިވާ ކަމަށް ބުނަމުންނެވެ. ނަމަވެސް އޭނަ ކުލަބުގައި މަޑުކޮށްގެން ހުރީ އުފަލުގައި ކަމަށާއި ބޭލްއަށް ސްޕެނިޝް އިން ވާހަކަ ދައްކަން ނޭނގުނު ނަމަވެސް ކުޅުންތެރިންނާއި ގުޅުން ބަދަހި ކަމަށް އޭނާ ވަނީ ބުނެފައެވެ.
މީގެ އިތުރުން ބޭލްއާ ދޭތެރޭ ބަސްކިޔާ މީހުންނަށް އޭނަގެ ގޮތް ނޭނގޭނެ ކަމަށާއި ބޭލްގެ އަގު ވައްޓާލަން ބަޔަކު ކުރާ ކަން ކަމުން އޭނައަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބާނެޓް ވަނީ ބުނެފައެވެ.