ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް މަދަނީ ޖަމިއްޔާތަކުގެ ފަރާތުން، ހިމެނިވަޑައިގަންނަވާ މެންބަރުގެ ގޮތުގައި ނ. ޅޮހީ ޒުވާނުންގެ ކުލަބުގެ ފަރާތުން ކުރިމަތިލައްވާފައިވާ، ނ. ޅޮހީ ވައިޓްރޯސް އަހްމަދު ފައިސަލްގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އޭނާ ލޯކަލް ކައުންސިލް އޮތޯރިޓީ ކަނޑައަޅުއްވާފައި ވަނީ 74 މެންބަރުން ހާޒިރުވި ޖަލްސާގައި 39 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އޭނާ ބޯޑަށް އައްޔަން ކުރަން ނުފެންނަ ކަމަށް 32 މެންބަރުން ވޯޓު ދެއްވި އެވެ.
ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް މަދަނީ ޖަމްއިއްޔާތަކުގެ ފަރާތުން، ކުރިމަތިލެއްވި ބޭފުޅުންގެ ނަންތައް ގައުމީ ސަލާމަތާ ބެހޭ ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހަޅާފައިވާ ރިޕޯޓްގައިވާ ގޮތުން ފައިސަލްގެ ނަން ހިމެނެނީ ތިން ވަނަ އަށް އެންމެ މަތިން މާކްސް ލިބުނު ނަމުގެ ގޮތުގަ އެވެ.

ކޮމިޓީން ކުރި ދިރާސާގައި އެންމެ މަތީ މާކްސް ހޯއްދަވާފައިވާތީ، އެ ބޯޑަށް އައްޔަން ކުރުމަށް ކޮމިޓީގެ ރިޕޯޓްގައި މަޖިލީހަށް ލަފާދީފައި ވަނީ ޖޫނިއަސް ޗެމްބާސް އިންޓަނޭޝަނަލް މޯލްޑިވްސް އިން ކުރިމަތި ލައްވާފައިވާ މ. ނިރޮޅު ޝާނީޒް ސައީދުގެ ނަން ފާސްކޮށްދިނުމަށެވެ. ނަމަވެސް އެނަމަށް ވޯޓަށް އެއްސެވުމުން އެވަގުތު ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން އެނަން ފާސްކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 35 މެންބަރުންނެވެ. އެ ނަން ފާސްކުރަން ނުފެންނަ ކަމަށް 37 މެންބަރުން ވޯޓު ދެއްވި އެވެ. އެހެންކަމުން އޭނާގެ ނަން ފާހެއް ނުވި އެވެ.
ކޮމިޓީ ރިޕޯޓުން ދެވަނަ އަށް އެންމެ ގިނަ މާކްސް ހޯއްދެވި، ބްލޫޕީސްގެ ފަރާތުން ކުރިމަތިލެއްވި ދަފްތަރު އަހްމަދު ޝަރީފް ނަފީސްގެ ނަން ވެސް މަޖިލީހުން ވަނީ ފެއިލްކޮށްލައިފަ އެވެ. އޭނާގެ ނަން ފާސްކުރުމަށް ފެންނަކަމަށް ވޯޓު ދެއްވި ޖަލްސާގައި ތިއްބެވި 74 މެންބަރުންގެ ތެރެއިން 35 މެންބަރުންނެވެ. ނަމަވެސް އެކަން ފާސްކުރަން ނުފެންނަ ކަމަށް 38 މެންބަރުން ވޯތު ދެއްވި އެވެ.

ކޮމިޓީ ރިޕޯޓްގައިވާ ގޮތުން ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ބޯޑަށް މަދަނީ ޖަމްއިއްޔާތަކުގެ ފަރާތުން، 15 ބޭފުޅަކު ވަނީ ކުރިމަތިލައްވައިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ފައިސަލް އެމަގާމަށް އައްޔަންކުރަން ފާސްކުރުމާ ގުޅިގެން އިތުރު ބޭފުޅުންގެ ނަމަށް ވޯޓަށް ނޭއްސެވުމަށް ޖަލްސާގެ ރިޔާސަތުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ނިންމެވީ އެވެ.