05 Mar 2019, 09:36
މި މަހުގެ 29 ވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހިފައިވާ ފިލްމު 'ނޯޓްބުކް' އަށް ޕާކިސްތާން ލަވަކިޔުންތެރިޔާ އާތިފް އަސްލަމް ކިޔައިދިން ލަވަ "މޭ ތާރޭ"، އަލުން ރެކޯޑު ކުރުމަށް ފިލްމުގެ ޕްރޮޑިއުސަރުން ނިންމައިފި އެވެ.
އާތިފް ރެކޯޑު ކުރި ލަވަ އަލުން ރެކޯޑު ކުރަން ނިންމީ ޖަންމޫ ކަޝްމީރުގެ ޕުލްވަމާ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ އިންޑިއާގެ ޕެރަމިލިޓަރީ ސިފައިންނަށް އަމާޒުކޮށް މިދިޔަ މަހުގެ 14 ދުވަހު ދިން ހަމަލާއެއްގައި އިންޑިއާ ސިފައިންގެ 40 މީހުން މަރުވެފައިވާތީ، އިންޑިއާ ފިލްމު އިންޑަސްޓްރީގައި ޕާކިސްތާނު ފަންނާނުން މަސައްކަތް ކުރުން މަނާކުރުމުންނެވެ. 'ނޯޓްބުކް'ގެ ޕްރޮޑިއުސަރުން ވަނީ އެ ލަވަ އަލުން ރެކޯޑު ކުރަން ނިންމައިފައިވާކަން ޔަގީންކޮށްދީފަ އެވެ. ރިޕޯޓުތައް ބުނާގޮތުން އެ ލަވަ ދެން ކިޔާނީ އެކްޓަރު އަދި 'ނޯޓްބުކް'ގެ ޕްރޮޑިއުސަރު ސަލްމާން ޚާން އެވެ. އެ ލަވަ ސަލްމާން ލައްވައި ރެކޯޑު ކުރަން ޕްރޮޑިއުސަރުން ނިންމީ ވަރަށް ގިނަ ފަރާތްތަކެއް ޝޯޓުލިސްޓު ކުރުމަށް ފަހު ވެސް، ލަވަޔާ އެންމެ ގުޅޭނެ އަޑަކީ ސަލްމާންގެ އަޑު ކަމަށް ފެނުމުންނެވެ. "މޭ ތާރޭ" އަކީ ލޯބީގެ، މަޑުމައިތިރި ލަވައެކެވެ.
ލަވަ ކިޔަން ސަލްމާން ފުރަތަމަ ފަސް ޖެހުނު ނަމަވެސް މިހާރު އެކަމަށް އެއްބަސްވެފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ސަލްމާން ވަނީ މީގެ ކުރިން ފިލްމު 'ހީރޯ' އަށް ވެސް ލަވައެއް ކިޔައިދީފަ އެވެ. ސަލްމާންގެ އަޑުން އިވިގެން ދިޔަ "މޭ ހޫން ހީރޯ" އަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔަ އެވެ. ނިތިން ކައްކަރު ޑައިރެކްޓު ކުރާ ފިލްމު 'ނޯޓްބުކް' ރިލީޒް ކުރާނީ މި މަހުގެ 29 ވަނަ ދުވަހު އެވެ. ފިލްމުން ފެނިގެންދާނީ ޕްރަނުތަން ކައްކަރު އަދި ޒަހީރް އިޤްބާލް އެވެ.