05 Mar 2019, 09:39
ވޮޝިންޓަން (މާޗް 5) : އަދާލަތަށް ހުރަސްއެޅުމުގެ ތުހުމަތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން އަޒުލުކުރުމުގެ މަސައްކަތް ފެށުމަށް އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ތައްޔާރުވަމުން ދާކަމަށް އެމެރިކާގެ މީޑިޔާއިން ބުނެފިއެވެ.
ވޮޝިންޓަން ޕޯސްޓާއި ސީއެންއެން ބުނާގޮތުން އަދާލަތަށް ހުރަސްއެޅުމަކީ އެމެރިކާގެ ރައީސް މަގާމުން ދުރުކުރެވޭނެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމަކަށްވާއިރު އެތަށް ކަމެއްގައި ޓްރަމްޕް އަދާލަތަށް ހުރަސް އަޅުއްވާފައިވާ ކަމަށް ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޝަރުޢީ ކަންތައްތަކާބެހޭ ސަބްކޮމިޓީގެ މުގައްރިރު ޖެރަލްޑް ނެޑްލަރު ދެކެވަޑައިގަންނަވައެވެ.
ޓްރަމްޕް މަގާމުން ދުރުކުރުމަށް ތައްޔާރުވަމުގެ ގޮތުން ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރުން ގެންދަވަނީ ވެރިކަމުގައި ހުންނަވައިގެން ޓްރަމްޕް ގާނޫނުތަކާ ޚިލާފަށް ކުރައްވާފައިވާ ކަންތައްތަކުގެ ލިޔެކިޔުންތައް ހޯދައި އޭނާ މަގާމުން ދުރުކުރުމަށްޓަކައި ކޮންގްރެސް އަށް ހުށަހެޅުމަށް ބޭނުންވާ ފައިލްތައް ތައްޔާރު ކުރަމުންނެވެ.
މީގެތެރޭގައި ޓްރަމްޕް އެމެރިކާގެ އަދާލަތަށް ހުރަސްއެޅުއްވުމަށް ކުރެއްވި ކަންތައްތަކާބެހޭ މައުލޫމާތާއި ޓްރަމްޕް އޭނާގެ ވިޔަފާރި ފައުންޑޭޝަން މެދުވެރިކޮށް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އަމަލުތަކާއި މަގާމުގެ ނުފޫޒުބޭނުންކޮށްގެން ޓްރަމްޕްގެ ދަރިކަނބަލުން އިވަންކާއާއި އެކަމަނާގެ ފިރިކަލުން އަދި ޓްރަމްޕްގެ މުސްތަޝާރު ޖަރެޑް ކުޝްނާ ހިންގަވާފައިވާ ކަމަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ އަމަލުތަކާބެހޭ ލިޔެކިޔުންތައް ހިމެނެއެވެ.
ހައުސް އޮފް ރެޕްރެޒެންޓެޓިވްގެ ޝަރުޢީ ކަންތައްތަކާބެހޭ ސަބްކޮމިޓީގެ މުގައްރިރު ޖެރަލްޑް ނެޑްލަރު ވަނީ ވެރިކަމުގެ ބާރުތައް ނަހަމަގޮތުގައި ބޭނުންކުރުމުގައި ޓްރަމްޕް ހައްދު ފަހަނަޅައި ވަޑައިގެންފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެމެރިކާގެ ރައީސް މަގާމުން އަޒުލުކުރުމުގެ ފުރަތަމަ މަރްހަލާ ކުރިޔަށްދާނީ ހައުސް އޮފް ރެޕްރެޒެންޓެޓިވް ގައި ނަގާވޯޓަކުންނެވެ. އެ ވޯޓު ކާމިޔާބު ކުރެވިއްޖެނަމަ އެމެރިކާގެ ރައީސް ގެ މައްސަލަތައް ބަލައި ތަހްގީގްކުރާ ޚާއްސަ ކޮމިޓީއެއް ހައުސް އިން އެކުވަލާލަން ޖެހޭނެއެވެ.
އެކޮމިޓީން ކުރާ ތަހްގީގްތަކުން ޓްރަމްޕް މަގާމުން ދުރުކުރެވޭނެ ސަބަބެއް ފެނިއްޖެނަމަ އެކަން ހައުސް އޮފް ރެޕްރެޒެންޓެޓިވް އާއި ސެނެޓަށް ހުށަހަޅަންޖެހެއެވެ. އެމެރިކާގެ ރައީސް މަގާމުން އަޒުލުކުރެވޭނީ މިދެންނެވި ކޮމިޓީގެ ތަހްގީގްތަކުން ފާހަގަކުރާ ސަބަބުތަކަކީ ރަނގަނޅު ސަބަބުތަކެއްކަމަށް ހައުސް އާއި ސެނެޓުގެ އަޣްލަބިއްޔަތުން ފާސްވެއްޖެ ހާލަތެއްގައެވެ.
މިކަންކަން ހައުސް އާއި ސެނެޓަށް ހުށަހެޅުމަށްފަހު އަމިއްލަ ނަފްސުގެ ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ޓްރަމްޕަށް ދެވޭނެއެވެ. ހައުސް ގެ އަޣްލަބިއްޔަތު އޮންނަނީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީއަށް ކަމުން ޓްރަމްޕް މަގާމުން ދުރުކުރުމުގެ ތަހްގީގްތައް ކުރުމަށް ކޮމިޓީއެއް އެކުލަވާލުމުގެ ކަންތައް ހައުސް އިން ފާސްކުރާނެކަމަށް ވަނީ ބެލެވިފައެވެ. އެކޮމިޓީން ޓްރަމްޕް އަޒުލުކުރެވޭފަދަ ގާނޫނީ ސަބަބުތަކާއި ހެކިތައް ހޯދައިފިނަމަ ހައުސް އާއި ސެނެޓްގެ ތަޅުމުން އެކަން ބަލައިގަންނާނެ ކަމަށް އެމެރިކާގެ ގާނޫނީ މާހިރުން ވިދާޅުވެއެވެ. (އެމެރިކާގެ މީޑީޔާ)