05 Mar 2019, 00:49
ޖަރުމަނު ވިލާތުގައި އޮންނަ އައިޓީބީ ބާލިން ފެއާއަށް ނައިބު ރައީސް ފައިސަލް ނަސީމް އެ ގައުމަށް މިރޭ ފުރާ ވަޑައިގެންފިއެވެ.
އައިޓީބީ ބާލިން ފެއާއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކުން އެއްތަނަކަށް ޖަމާވެ ފަތުރުވެރިކަން އިސްތިހާރުކޮށް އެވިޔަފާރި މާކެޓް ކުރުމަށް ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އެއް ހަރަކާތެވެ.
ރައީސް އޮފީހުން ބުނީ، މާދަމާއިން ފެށިގެން މިއަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ބާއްވާ މި ފެއާގައި ނައިބު ރައީސް ފައިސަލް ބައިވެރިވެވަޑައިގަންނަވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ދައުވަތަކަށް ކަމަށެވެ.
މީގެ ކުރިން ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރީގައި އުޅުއްވި ނައިބު ރައީސް ފައިސަލް، މި އަހަރުގެ އައިޓީބީ ފެއާގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހި ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ހައިސިއްޔަތުންނެވެ. މިއީ ރާއްޖޭގެ މިހާ އިސް ފަރާތަކުން މި ފެއާގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

ނައިބު ރައީސް ބާލިން ފެއާ އަށް ފުރާވަޑައިގަތުމުގެ ކުރިން ވެލާނާ އިންޓަނޭޝަލް އެއާޕޯޓުގައި
ނައިބު ރައީސް ފައިސަލްގެ އިތުރުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި އެމްއެމްޕީއާރުސީގެ އެމްޑީ މުހައްމަދު ތޮއްޔިބުވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މިއަހަރުގެ އައިޓީބީ ފެއާގައި ދިވެހރާއްޖެ ޕްރޮމޯޓުކުރުމުގެ މަސައްކަތް ކުރަނީ އީދު ކުޅިވަރުގެ ތީމަކުންނެވެ. އެގޮތުން އީދު ކުޅިވަރުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް ކުޅިވަރު ކަމުގައިވާ ބޮޑުމަސް ދުއްވުން އައިޓީބީގައި މި އަހަރު އޮންނާނެއެވެ.
މީގެ އިތުރުން ކަސަބު ވިއުން ފަދަ ދިވެހި މަސައްކަތްތެރި ކަންކަންވެސް ދައްކާލުން އޮންނާނެއެވެ.
އައިޓީބީ ފެއާ ގައި ރާއްޖެއިން 123 ކުންފުންޏަކުން 263 ރެޕްރެޒެންޓޭޓިވުން ބައިވެރިވެއެވެ.