މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އަހަރަކު އެއް މިލިއަން ރުފިޔާގެ އާމްދަނީ ވަންނަ ފިހާރަތަކުން މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން ނަގަން ފަށާފައިވާ ޖީއެސްޓީ (ގުޑްސް އެންޑް ސާވިސަސް ޓެކްސް) ނެގުން ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރު ނެރެވޭނެ ސަބަބެއް ނެތް ކަމަށް ހައި ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

ހައިކޯޓުން ނެރުނު އަމުރުގައިވާ ގޮތުގައި، ޖީއެސްޓީ ނެގުން ވަގުތީ ގޮތުން ހުއްޓުވައިދިނުމުގެ އަމުރަކަށް ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެދިފައިވަނީ، ޖީއެސްޓީ ނެގުން ހުއްޓާނުލައިފިނަމަ ވިޔަފާރިވެރިންނާއި ރައްޔިތުންނަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެލިބޭ އިޔާދަނުކުރެވޭ ވަރުގެ ގެއްލުން އެޖަމިއްޔާއަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް އަމުރުގައިވެ އެވެ.

އަދި ހައި ކޯޓަށް ވައްދާފައިވާ ދުސްތޫރީ މައްސަލާގައި ފައިސަލާ ކުރަނިވި ހުކުމެއް ކުރަންދެން ޖީއެސްޓީ ނެގުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެފިނަމަ ވިއްކާ މުދަލާއި ދޭ ހިދުމަތުގެ ތެރެއިން ޖީއެސްޓީ ގޮތުގައި ފިހާރަތަކުން ނަގާފައިވާ ފައިސާ އޭގެ ހައްގުވެރި ފަރާތްތަކަށް އަނބުރާ އިޔާދަ ކުރެވޭނެ ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހައި ކޯޓުގައި ޝަރީއަތުގައި ބުނެފައިވާ ކަމަށް އަމުރުގައިވެ އެވެ.

ނަމަވެސް ޖީއެސްޓީ ނެގުން ވަގުތީ ގޮތުން ހުއްޓުވުމުގެ އަމުރެއް ކޯޓުން ނެރެފި ނަމަ، ވިޔަފާރި ކުރި ފަރާތްތަކުން ނެގި ޖީއެސްޓިގެ ފައިސާ އެ ފަރާތްތަކަށް ރައްދު ކުރާނެ އެއްވެސް ގޮތެއް އޮތް ކަމަށް ވިޔަފާރިވެރިންގެ ޖަމިއްޔާއަށް ޝާރީއަތަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ވެސް އަމުރުގައިވެ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހައި ކޯޓްގައިކޮށްފައިވާ ދުސްތޫރީ ދައުވާ ބައްލަވާ ފަސް ގާޒީގެ އިންތިފާގުން ނިންމެވި އަމުރުގައި ބުނަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޖީއެސްޓީ ނެގުން ހުއްޓުވައިފިނަ ޓޫރިޒަމް ދާއިރާގެ ހިދުމަތުން ނެގޭ ޓީޖީއެސްޓީ ވެސް ހުއްޓިގެންދާނެ ކަމަށެވެ.

ޓީޖީއެސްޓީ ނެގުން ހުއްޓިގެންދަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނު 65 ވަނަ މާއްދާގެ ދަށުން ޓޫރިޒަމް ޖީއެސްޓީ ނަގާ ގާނޫނު އުވިގެންދާނެ ކަމަށް ބުނެފައި ވުމުން ކަމަށެވެ. އަދި މިހާރު ޓީޖީއެސްޓީ ނަގަމުންދަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ކަމަށް ވާތީ އެވެ.

އަމުރުގައި އިތުރަށް ބުނަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހުށަހަޅާފައިވާ ތުސްތޫރި މައްސަލަ ހައި ކޯޓަށް ވެއްދުމަށް ފޯމް ހުށަހަޅާފައި ވަނީ މިދިޔަ މަހުގެ 29ގައި ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ކޮންމެހެން ފުރިހަމަކުރަންޖެހޭ ކަންތައްތައް ފުރިހަމަ ކުރެވި، ހައި ކޯޓުން މައްސަލަ ބަލައި ގެންފައި ވަނީ މި މަހުގެ ފަހެއްގައި ކަމަށް އަމުރުގައިވެ އެވެ. އަދި މައްސަލަ ބަލައިގެން އިރު މި މަހުގެ ދޭއްގައި މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އަމަލް ކުރަން ފަށައި ޖީއެސްޓީ ނަގަން ފަށާފައިވާ ކަން ވެސް އަމުރުގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން، ޖީއެސްޓީ ނެގުން ހުއްޓުވުމަށް ވަގުތީ އަމުރެއް ނެރެވޭނެ އެއްވެސް ފުރުސަތެއް ހައިކޯޓަށް ލިބިފައި ނުވާކަން ސާފުކޮށް އެނގެން އޮންނަ ކަމަށް އެ އަމުރުގައިވެ އެވެ. އެހެންކަމަށްވުމާއެކު ޖީއެސްޓީ ނެގުން ހުއްޓުވުމުގެ އަމުރެއް ނެރޭނެ އެއްވެސް ސަބަބެއް ނެތް ކަމަށް ހައި ކޯޓުގައި އެ މައްސަލަ ބަލަމުންދާ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން މިއަދު ކަނޑައަޅާ ކަމަށް ވެސް އަމުރުގައި ބުނެ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން އެދިފައިވާ ދައުވާގެ އިތުރުން ވަގުތީ އަމުރާމެދު މިއަދު ގޮތެއް ނިންމައި، ދައުވާގެ އިތުރު އަޑު އެހުމެއް މިއަދު ކުރިއަށް ގެންދިޔަ އެވެ. އަޑު އެހުމުގައި ދައުލަތުން ވަނީ ދައުވާއަށް ޖަވާބުދާރީވެފަ އެވެ.

ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހައި ކޯޓަށް ހުށަހަޅުއްވާފައިވާ ދުސްތޫރި މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަކީ ހައި ކޯޓްގެ އިސް ފަނޑިޔާރު އަހްމަދު ޝަރީފު އާއި އަޒްމިރަލްދާ ޒާހިރު އާއި އަބްދުއްރައުފް އިބްރާހިމް އާއި އަބްދުލްޣަނީ މުހައްމަދު އާއި އައްބާސް ޝަރީފް އެވެ.