08 Jun 2010, 04:57
10:00
ޑިމޮކްރަސީ ފުރިހަމަކުރުމަކީ، ހަމައެކަނި އިޤްތިޞާދީ އަދި ސިޔާސީ ވިސްނުމަށް ދޫކޮށްލެވޭނެ ކަމެއް ނޫން ކަމަށާއި، ރާއްޖޭގައި ޑިމޮކްރަސީ ފުރިހަމަ ކުރުމުގެ މަސައްކަތް ބިނާވެގެން ދާންޖެހޭނީ، ރާއްޖޭގެ މުސްތަޤުބަލުގެ ޖީލުތަކަށް އަޅުގަނޑުމެން ވާޞިލްކޮށްދޭން ބޭނުންވާ މުޖްތަމަޢުގެ ތަޞައްވުރުގެ މައްޗަށް ކަމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެ އެވެ.
ނައިބް ރައީސް މިހެން ވިދާޅުވީ، ޑިމޮކްރަސީއާއި، މަދަނީ މުޖްތަމަޢު ހަރުދަނާ ކުރުމާއި، އަދި ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމާބެހޭ ގޮތުން ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައި ކޮމިޝަނުން އިންތިޒާމް ކޮށްގެން އިއްޔެ ބޭއްވެވި ސެމިނާރެއްގައި ވާހަކަފުޅު ދައްކަވަމުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި، ޑިމޮކްރަސީއަކީ ހުރިހާ ޤައުމެއްގައި އެއް ގޮތަކަށް އޮންނަ އެއްޗެއް ނޫން ކަމަށާއި، ރާއްޖޭގައި ފުރިހަމަވެގެންދާ ޑިމޮކްރަސީގެ ބިނާވެގެންދާނީ، ޑިމޮކްރެޓިކް ޕްރޮސެސްގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުން ލިބިގެންދާ މިންވަރާއި ފެންވަރުގެ މައްޗަށް ކަމުގައި ވިދާޅުވި އެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި މަދަނީ މުޖްތަމަޢުގެ ބައިވެރިވުން އިތުރުކުރުމުގެ މުހިންމު ކަމުގެ މައްޗަށް ނައިބު ރައީސް ބައްލަވާލެއްވި އެވެ.
ރާއްޖޭގެ ޤާނޫނު ހެދުމާއި، ސަރުކާރުގެ ސިޔާސަތު އެކުލަވާލުމުގައި މަދަނީ މުޖުތަމަޢުގެ ޚިޔާލާއި ބައިވެރިވުން ލިބިގެން ނުދާކަން ފާހަގަކުރައްވަމުން، ސަރުކާރަށާއި ރާއްޖެއަށް އެހީތެރިވެދޭ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން ރާއްޖޭގެ މަދަނީ މުޖްތަމަޢު ހަރުދަނާ ކުރެއްވުމަށް އެހީތެރިކަން ފޯރުއްވައިދެއްވުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ. އަދި މި ރޮނގުން ބަންގްލަދޭޝްގެ ތަޖުރިބާއިން ރާއްޖެއަށް ވަރަށް ބޮޑެތި ފައިދާ ލިބިގެންދާނެ ކަމުގައި ނައިބު ރައީސް ވިދާޅުވި ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.