މުޅި ދުނިޔޭގައިވެސް އެންމެ ގިނައިން ފޭކް ނިއުސް ދައުރުވަނީ އިންޑިއާގައިގައި ކަމަށް ރިޕޯޓްއެއްގައި ބުނެފިއެވެ.

މައިކްރޯސޮފްޓުން ކުރި ދިރާސާއެއްގައި ބުނީ އެވްރެޖްކޮށް ދުނިޔޭގެ 57 ޕަސެންޓް މީހުން ފޭކް ނިއުސްގެ ޝިކާރައަކަށްވި ކަަމަށާއި އެހެން ނަމެވެސް އިންޑިއާގައި 64 ޕަސެންޓް މީހުން ފޭކް ނިއުސްގެ ޝިކާރައަކަށް ވެފައިވާ ކަމަށެވެ.

އިންޓަނެޓް ހޯކްސް ނުވތަ ބޮޑެތި އޮޅުވާލުންތަކުގައި އެވްރެޖްކޮށް ދުނިޔޭގެ 50 ޕަސެންޓް މީހުން ޖެހުނުއިރު އިންޑިއާގެ 54 ޕަސެންޓް މީހުން އެފަދަ ކަންތައްތަކުގައި ޖެހިފައިވާ ކަމަށެވެ.

އިންޑިއާގައި ފޭކް ނިއުސްގެ ސަބަބުން ބޮޑެތި ޖަރީމާތައް ހިނގާފައިވެސް ވެއެވެ. އެގޮތުން މިދިޔަ އަހަރު ވަޓްސްއަޕުން އިންޑިއާގައި މީހުންނަށް ފޮނުވި ފޭކް ނިއުސްތަކާ ގުޅިގެން އެ ކަންތައް ގަބޫލުކޮށް މޮބުތަކުން އެކި ފަހަރުމަތިން 40 މީހުން މަރާލައިފައި ވެއެވެ.

އެ މައްސަލައާ ގުޅިގެން ވަޓްސްއަޕްއިން ވަނީ މެސެޖްތައް ފޯވާޑް ކުރެވޭ މިންވަރުންވެސް ލިމިޓް ކޮށްފައެވެ.

އިންޑިއާގެ ކުރިއަށް އޮތް ބޮޑު އިންތިހާބާ ގުޅިގެން މިހާރުވެސް މީސް މީޑީއާތަކުގައި ފޭކް ނިއުސް ފަތުރާ މައްސަލަ ވަރަށް ބޮޑަށް އިތުރުވެފައެވެ.