04 Mar 2019, 19:26
ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ރާއްޖޭގެ ތަންތަން ދާއިމި ކުރެވޭތޯ ބަލަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ހެރިޓޭޖް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ ވިދާޅުވީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ރާއްޖޭގެ ހަ މިސްކިތެއް މިހާރު އެބައޮތް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުންދަނީ އެ ތަންތަން ވަގުތީ ލިސްޓުން ދާއިމީ ލިސްޓަށް އެރުވޭތޯ ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.
"އެއަށްވެސް ވަރަށް ބޮޑެތި ހަރަދުތަކެއް ޔުނެސްކޯގެވެސް އެހީތެރިކަމާއެކީ އެހެން ނަމަވެސް ދައުލަތުންވެސް ހަރަދުތަކެއް ކުރައްވައިގެން މި ކުރަންޖެހެނީ. އަޅުގަނޑުމެން މިހާރު ބޭނުންވާކަމަކީ މިސްކިތްތައް ދާއިމީ ލިސްޓަށް އެރުވުން. އޭގެ ފަހުން އަޅުގަނޑުމެން މަސައްކަތް ކުރާނީ އެހެން މިސްކިތްތައްވެސް ދާއިމި ލިސްޓަށްވެސް އެރުވޭތޯ. ވަރަށް ގިނަ މަސައްކަތް މިހާރު އޮތީ ކުރެވިފައި،" އޭނާ ވިދާޅުވިއެވެ.
އަދި ތަރިކަތަކުގެ ލިސްޓަށް ހުށަހަޅާއިރު އެތަންތަން ބެލެހެއްޓުމާއި މެނޭޖްމަންޓް ޕްލޭންފަދަ ކަންތައްތަކުގެ ތަފްސީލް ޔުނެސްކޯއަށް ދޭން ޖެހޭ ކަަމަށް އޭނާ ވިދާޅުވިއެވެ.
އަދި ދުނިޔޭގެ ފެންވަރުގައި އެތަންތަން ތަރިކަތަކަށް ވަނީ ކިހިނެއްތޯވެސް ޔުނެސްކޯއަށް ބުނެދޭން ޖެހޭ ކަަމަށާއި އަދި އެކަންކަމަށް ދިރާސާ ކުރަން ޖެހޭ ކަމަށް ޔުމްނާ ވިދާޅުވއިެވެ.
"މިސްކިތްތަކުން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ އެންމެ މުހިންމު ސިފައަކީ އެއީ ހިރިގަލުން ބިނާކޮށްފައި މި ހުންނަނީ. ބްލޮކްތަކެއް އަތުރައިގެން ވަކިގޮތަކަށް ގުޅުވައިގެން. ވަރަށް އާދަޔާ ހިލާފު ސިފައެއް މިއީ ދުނިޔޭގެ ކުރީގެ ބިނާތަކަށް ބަލާއިރުވެސް. އެހެންވީމަ މިކަން ފާހަގަކޮށް އަޅުގަނޑުމެން ދިރާސާކޮށް ލިޔުމެއް ތައްޔާރުކޮށްގެން މި ހުށަހަޅަން މިޖެހެނީ،" ޔުމްނާ ވިދާޅުވިއެވެ.