12 Oct 2011, 13:18
ދ. މީދޫ ދެ ސަރަހައްދެއްގައި ބަހައްޓާފައި ހުރި ޖޯލިފަތިތަކެއް ފުލުހުން ފޮނުވައިގެން ރަށު ކައުންސިލުން ނަގައިފި އެވެ.
މީދޫން ވާހަކަ ދެއްކި މީހަކު ބުނީ މިއަދު ހެނދުނު ފުލުހުން ގޮސް އެ ރަށު އަތިރިމަތީގައި ބަހައްޓާފައި ހުރި ޖޯލިފަތިތައް ކައުންސިލް އިދާރާގެ އެންގުމަށް ނަގާފައިވާ ކަމަށާއި އެ ޖޯލިފަތިތަކަކީ އެ ރަށު ޒުވާނުން ފިނިކޮށްލުމަށް ބަހައްޓާފައި ހުރި ޖޯލިފަތިތަކެއް ކަމަށެވެ.
މީދޫ ކައުންސިލްގެ ނައިބު ރައީސް މޫސާ އަހުމަދު މިއަދު ވިދާޅުވީ ރަށުގެ ދެ ސަރަހައްދެއްގައި ބަހައްޓާފައި ހުރި ޖޯލިފަތިތައް ނަގާފައި ވަނީ މި އަހަރުގެ މެއި މަހު 5 ވަނަ ދުވަހު ރަށު ކައުންސިލުން ނެރެފައިވާ ގަރާރެއްގެ ދަށުން ކަމަށާއި ޖޯލިތައް ނަގާފައި ވަނީ އެ ގަރާރުގެ ދަށުން މަނާކޮށްފައިވާ ސަރަހައްދަކުން ކަމަށެވެ. ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ ޖޯލިތައް ނަގަން ނިންމީ އެ ޖޯލިތަކަކީ ރަށުގެ އެކަހެރި ސަރަހައްދުތަކުގައި ހުންނަ ޖޯލިތަކެއް ވީމާ ނުބައި ކަންތައްތަކަށް މަގުފަހިވިޔަ ނުދިނުމަށްޓައި ކަމަށެވެ.
"އިންޖީނުގެ ބިއްދޮށާއި ސިއްހީ މަރުކަޒުގެ ބިއްދޮއްސުގައި ހުރި ދެ ޖޯއްޔެއް ނެގީ. ޖޯލިތައް ނަގަން ޖެހުނީ ވިޔާނުދާ އަމަލްތަކަށް މަގުފަހިވާތީ. އެތަންތަނުގައި ފާހިސް އަމަލުތައް ހިންގާ މަސްތުވާތަކެތި ބޭނުން ކޮށްފާނެތީ،" މޫސާ އަހުމަދު ވިދާޅުވި އެވެ.
މީދޫ ކައުންސިލްގެ އިދާރާ އިން މި އަހަރުގެ ފަސް ވަނަ ދުވަހު ނެރެފައިވާ ގަރާރެއްގައި ބުނެފައި ވަނީ ރަށުގެ އިޖުތިމާއީ އެއްވެސް ސަރަހައްދެއްގައި ރަށު ކައުންސިލްގެ ހުއްދަ ނުހޯދައި ޖޯލިފަތި ބެހެއްޓުމާއި ހަޓުޖެހުމަކީ މަނާކަމެކެވެ. އަދި އެއާއި ހިލާފަށް އަމަލް ކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ރަށު ކައުންސިލުގެ ގަރާރުގައިވެ އެވެ.
މީދޫ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ މިއަދު ނަގާފައިވާ ޖޯލިތަކަކީ ރަށު ކައުންސިލުން ނެރެފައިވާ ގަރާރާއި ހިލާފަށް ޖަހާފައި ހުރި ޖޯލިފަތިތަކެއް ކަމަށާއި އެޖޯލިތައް ނެގުމަށް ފަހު އެޖޯއްޔެއް ހުރި ސަރަހައްދެއްގައި ވެރިފަރާތެއް ނޭނގޭތީ ރޫޅާލާފައި ބަހައްޓާފައި ހުންނާނެ ކަމަށެވެ.