ނިމިދިޔަ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމުގެ ސަރުކާރުގައި ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގާފައިވާ ގޮތާއި އެ މަޝްރޫއު ތަކުގެ ފުލެޓްތައް ދޫކޮށްފައިވާ ގޮތާ މެދު ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުންނަށް ހުޅުވާލައިފި އެވެ.

ފުލެޓު މަޝްރޫއު ތަކުގެ ފްލެޓުތައް ދޭނެ ފަރާތްތައް ނިމިދިޔަ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ ފްލެޓުތައް ހައްގު ނޫން ބަޔަކަށް ދިންކަމަށް ބުނެ އާންމުން ކުރާ ޝަކުވާއާ ގުޅިގެން ފްލެޓުތަކުގެ ކަންތައް ބެލުމަށް ކޮމެޓީއެއް އެކުލަވާލައިފައެވެ.

މިއަދު ރައީސް އޮފީހުން ނެރުނު އިއުލާންނުގައި ބުނީ، "ހިޔާ"، "ގެދޮރުވެރިކުރުވުން"، "ގުޅީފަޅު ހައުސިންގ ޕްރޮޖެކްޓް" މި ތިން މަޝްރޫއު ކުރިއަށް ގެންގޮސްފައިވާ ގޮތާއި އެ މަޝްރޫއުތަކުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވާ ގޮތާމެދު ޝަކުވާ ހުށައަޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިއަދު ފެށިގެން ހުޅުވާލައިފައިވާ ކަމަށެވެ.

ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފައިވަނީ މިއަދުން ފެށިގެން މި މަހު 25 ވަނަ ދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ސިޓީ، އީމެއިލް ނުވަތަ އެސްއެމްއެސް މެދުވެރިކޮށްވެސް ޝަކުވާ ހުށަހެޅޭނެ ކަަމަށެވެ.

އެ ތިން މަޝްރޫއުގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތައް އެނގޭނެ ލިސްޓު ރައީސް އޮފީހުގެވެބްސައިޓްގައި ވަނީ އާންމު ކޮށްފައެވެ.

ފުލެޓް ދިން ގޮތާ މެދު ޝަކުވާ ހުށަހެޅުމަށް ރައިސް އޮފީހުން ހުޅުވާލައިފައިވާ އިރު، ފްލެޓުތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރާ ސުވާލުކުރަން އެކަމަނާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ވަނީ ނިންމާފައެވެ.