އިންޑިއާ އިން ރާއްޖެ އެތެރެ ކުރި ބުދު ތަކެއް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ، ބުދުތައް ހިފަހައްޓާފައިވަނީ ރޭ އިންޑިއާ އިން ފުރައިގެން ރާއްޖެ އައި ބައެއްގެ އަތުން ކަމަށެވެ.

އެގޮތުން އެ ތަކެތި އަތުލައިގެންފައިވަނީ ވައިގެ މަގުން ރާއްޖެ އައި ތިން އަންހެނުންނާއި ފިރިހެނެއްގެ އަތުން ކަމަށާއި އެމީހުން އަތުން އެކި ސައިޒުގެ 28 ބުދު އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް އިން ބުނީ، އެ ހަތަރު މީހުން ތަކެއްޗާއެކު މިހާރު އިންޑިއާ އަށް ފުރާފައިވާ ކަމަށެވެ.

ރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގެ ވާ ގޮތުން އަޅުކަން ކުރަން ގެންގުޅޭ ބުދަކީ ރާއްޖެއަށް އެތެރެ ކުރުން މަނާ އެއްޗެއް ތަކެއްޗެވެ. ރާއްޖެއިން ބޭރުގެ ފަރާތްތައް ރާއްޖެ އަންނަ އިރު، އެމީހުން ގެންނަ ތަކެތީގެ ތެރޭގައި ހިމެނޭ ރާއްޖެއަށް އެތެރެކުރުމަށް ހުއްދަ ނުދެވޭ ތަކެތި، އެމީހުން ރާއްޖެއިން ފުރައިގެން ދާއިރު އަނބުރާ ގެންދިއުމަށް ބޭނުންވެއްޖެ ހާލަތެއްގައި އަނބުރާ ގެންދިއުމުގެ ފުރުސަތު އެ ފަރާތްތަކަށް ކަސްޓަންސް އިން އާންމު ގަވާއިދުން ލިބިގެންދެއެވެ.

އެތެރެ ކުރި ބުދުތަކުގެ ފޮޓޯއެއް ކަސްޓަމްސް އިން ހާމަކޮށްފައެއްނުވެއެވެ. އަދި އެ ބުދުތައް އެތެރެކޮށްފައި ވަނީ ކޮން ބަޔަކު ކަމެއް ވެސް ކަސްޓަމްސް އިން ހާމައެއް ނުކުރެއެވެ.