04 Mar 2019, 16:29
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލުތަކުގައި ތެރަޕީ ދެވޭނެ ގޮތް ހަދަން ސަރުކާރުން ނިންމައިފި އެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ އެފަދަ ކުދިން ދެނެގަނެ، އެ ކުދިންނަށް ދޭން ޖެހޭ ހިދުމަތްތަކާ ބެހޭ ގޮތުން އެކި މިނިސްޓްރީތަކާ އެކު މިހާރު މަޝްވަރާތައް ފަށާފައިވާ ކަމަށެވެ.
މިނިސްޓްރީން ވަނީ އެފަދަ ކުދިންނަށް ތައުލީމްގެ ފުރުސަތު ފުޅާކޮށް އަދި މިހާރަށް ވުރެ ރަނގަޅަށް އެކުދިންނަށް ހިދުމަތްތައް ދިނުމަށް ވަސީލަތްތައް ގާއިމްކުރުމަށް ހާއްސަ ޑީޕާޓްމެންޓެއް ވެސް ގާއިމްކޮށްފަ އެވެ.
މިނިސްޓަރު ވިދާޅުވީ އެ ހާއްސަ ޑިޕާޓްމަންޓް އިން މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު އަލުން ރިވިއުކޮށް އެފަދަ ކުދިންނަށް ބޭނުންވާ ޓީޗަރުން ތަމްރީން ކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އާލީ ސްޓޭޖްގައި އެފަދަ ކުދިން ދެނެގަތުމާއި، އެކުދިންނަށް ބޭނުންވާ ތެރަޕިސްޓުންގެ ޚިދުމަތް ސްކޫލްތަކުގައި ގާއިމުކުރުމާއި، މިފަދަ ކުދިންނަށް ޚާއްސަ މުދައްރިސުން ޑިޕްލޮމާ އަދި ޑިގްރީ ފެންވަރަށް ގެންދިއުމުގެ މަސައްކަތް ކުރުމަށް ޕްލޭން ކުރަމުންމިދަނީ. އެގޮތުން ޖެންޑާ މިނިސްޓްރީ އަދި ހެލްތު މިނިސްޓްރީއާއ ގުޅިގެން މަޝްވަރާ އެބަ ކުރިއަށްދޭ." މިނިސްޓަރު އައޝަތު އަލީ ވިދާޅުވި އެވެ.
އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ކުރީގެ ސަރުކާރުން ވަނީ ރާއްޖޭގެ 213 ސްކޫލެއްގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދިނުމަށް ހާއްސަ ކްލާސްތަކެއް ގާއިމްކޮށްފަ އެވެ. ނަމަވެސް އެ ކުދިންނަށް އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދީފައި ނުވާ ކަމަށް ބުނެ ބެލެނިވެރިން ދަނީ ވަރަށް ބޮޑަށް ޝަކުވާ ކުރަމުންނެވެ.