އިސްލާމްއާބާދު (މާޗް 4): ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދުކޮށްފައި އޮތުމަށް ފަހު، މިއަދު އެއްކޮށް ހުޅުވާލައިފި ކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެފި އެވެ.

މިދިޔަ ބުދަ ދުވަހު ޕާކިސްތާނުން އެގައުމުގެ ވައިގެ ސަރަހައްދު ބަންދު ކުރީ ގައުމުގެ ސަލާމަތީ ހާލަތު އޭރު އޮތް ގޮތުން ކަމަށް ބުނެ އެވެ.

"ޕާކިސްތާނުގެ ވައިގެ ސަރަހައްދާއި ހުރިހާ އެއާޕޯޓުތައް މިހާރު ވަނީ ހުޅުވާފައި،" ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ތަރުޖަމާނު ވިދާޅުވި އެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު ކުރުމާ ގުޅިގެން އެތައް ފްލައިޓުތަކެއް ކެންސަލްވެ، ގިނަ އަދަދެއްގެ މީހުން އެއާޕޯޓުތަކުގައި ތާށިވި އެވެ. އެހެންކަމުން މިދިޔަ ހުކުރު ދުވަހުން ފެށިގެން އެގައުމުން ވަނީ ބައެއް ވައިގެ ދަތުރުތަކަށް ހުއްދަ ދޭން ފަށައިފަ އެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދު ބަންދު ކުރީ، މިދިޔަ އަންގާރަ ދުވަހު އިންޑިއާގެ އެއާފޯސްގެ ޖެޓުތަކެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަދެ ހަމަލާތަކެއް ދިން ފަހުންނެވެ.

އެހަމަލާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ޕާކިސްތާނުން ކަޝްމީރުގައި އިންޑިއާ އިން ވެރިކަން ކުރާ ފަޅިއަށް ހަމަލާތަކެއް ދިނެވެ. އަދި އިންޑިއާގެ ޖެޓުތަކެއް ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް ވަނުމުން އޭގެ ތެރެއިން ދެ ފައިޓާ ޖެޓު ވައްޓާލުމަށް ފަހު، އެއް ޖެޓުގައި އިން ޕައިލެޓު ހައްޔަރުކޮށްފަ އެވެ.

މިދިޔަ ހުކުރު ދުވަހު ޕާކިސްތާނުން ވަނީ "ސުލްހައިގެ އިޝާރާތެއްގެ" ގޮތުން އިންޑިއާގެ ޕައިލެޓު ދޫކޮށްލައިފަ އެވެ.