12 Oct 2011, 12:59
ސ. ހިތަދޫ ސަރަހައްދީ ބަނދަރުގައި ހިޔާނުކޮށް ބަހައްޓައިފައި ހުރި އެސްޓީއޯގެ ސިމެންތި ބަސްތާތަކެއް ވާރޭވެހިގެން ހަލާކުވި ކަމަށް ބުނި ނަމަވެސް، އެ ބަސްތާތަކަށް ފެނުގެ އަސަރުކޮށްފައި ވަނީ ވަރަށް ކުޑަކޮށް ކަމަށާއި މާބޮޑެތި ގެއްލުންތަކެއް ނުލިބޭ ކަމަށް އެސްޓީއޯ އިން އިން ބުނެފި އެވެ.
އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ އިއްޔެ ވިދާޅުވީ، އައްޑޫގައި ސިމެންތީގެ ޑިމާންޑް ބޮޑުވުމާ ގުޅިގެން އެ ރަށަށް ފޮނުވީ 6000 ޓަނުގެ ބޮޑު ޝިޕްމަންޓެއް ކަމަށާއި އޭގެ ތެރެއިން ގާތްގަނޑަކަށް 4500 ޓަނު ހުރީ ގުދަންކޮށްފައި ކަމަށެވެ. އަދި ބާކީ ގުދަން ނުކޮށް ބެހެއްޓީ ޖާގަ ނެތުމުން ކަމަށެވެ.
ނަމަވެސް، ހޯމަ ދުވަހު އައްޑު ކުރި ވިއްސާރާގައި ބަނދުގައި ހިޔާނުކޮށް ހުރި ސިމެންތި ބަސްތާތަކަށް ކޮންމެވެސް ވަރަކަށް ވާރޭގެ އަސަރު ކުރި ނަމަވެސް، މާބޮޑު ގެއްލުމެއް ނުވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި އެ ބަސްތާތަކަކީ ވަގުތުން ބޭނުންކުރާ ގޮތަށް ސައިޓުތަކަށް ޑެލިވާކުރަން ބަހައްޓައިފައި ހުރި ތަކެތި ކަމަށާއި އެހެންކަމުން، އެ ބަސްތާތައް ހުރީ ބޭނުންކުރެވޭ ހާލަތުގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް މަދު ބަސްތާތަކަށް ފެނުގެ އަސަރުކޮށްފައި ހުރީ. އެކަމަކު އެވެސް އެއީ ސައިޓަށް ގެންގޮސްފައި ވަގުތުން ބޭނުންކުރާނެ އެއްޗެހިވީމާ ބޮޑު ގެއްލުމެއް ނުލިބޭ،" ޝާހިދު ވިދާޅުވި އެވެ.
އަދި އެތަކެތި ސައިޓުތަކަށް ފޮނުވުން ލަސްވީ އައްޑޫގައި މިދުވަސްކޮޅު ލޮރީ ޕިކަޕް ފަދަ ވެހިކަލްތައް ބިޒީ ކަމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިއްޔެގެ ނިޔަލަށް އެތަކެތި ފޮނުވާ ނިމޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް، ސަން އަށް މިއަދު ލިބިފައިފައިވާ ބައެއް ފޮޓޯތަކުގައި ވާރޭވެހިގެން ހަލާކުވެފައި ހުރި ބަސްތާތަކެއް އަދިވެސް ބަނދަރުގައި ހުރި ތަން ފެނެ އެވެ.
"އެ އެއްޗެހި ދެން ބޭނުމެއް ނުކުރެވޭނެ. އެއްކޮށް ގަނޑުވެފައި މިހާރު ހުރީ،" ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.