04 Mar 2019, 15:41
ޕާކިސްތާނުން ޓެރެރިޒަމާ ދެކޮޅަށް ތެދުވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދެކުނު އޭޝިއާއަށް ހަމަޖެހުން އަންނާނީ ޕާކިސްތާނުން ޓެރެރިޒަމާ ދެކޮޅަށް ތެދުވެގެން ކަމަށެވެ.
"ހަމެޖެހުން އަންނާނީ ޕާކިސްތާނުން ޓެރެރިޒަމާ ދެކޮޅަށް ތެދުވެ، އެގައުމުގެ ޓެރަރިސްޓް ގްރޫޕްތަކާ ދެކޮޅަށް މަސައްކަތް ކޮށްގެން." ރައީސް ނަޝީދު ވިދާޅުވި އެވެ.
We can only ensure peace and stability across South Asia when Pakistan turns the page on terrorism, and definitively moves against terror groups operating from its territory.
— Mohamed Nasheed (@MohamedNasheed)March 4, 2019
ނަޝީދު އެފަދައިން ވިދާޅުވި އިރު ދާދި ފަހުން އިންޑި އާއި ޕާކިސްތާނުގެ ދެމެދުގައި ހަމަލާތައް ބަދަލުކުރުމާ ގުޅިގެން ފޮރިން މިނިސްޓްރީން ވަނީ ބަޔާނެެއް ވެސް ނެރެފަ އެވެ. އެ ބަޔާނުގައި ބުނީ ރާއްޖެއިން ޓެރަރިޒަމްގެ ހުރިހާ އަމަލެއް ވެސް ކުށްވެރިކުރާ ކަމަށާއި އޭގެ ތެރޭގައި އެއްގައުމުގެ ބޯޑަރު ހުރަސްކޮށް އަނެއް ގައުމަށްވަދެ ދޭ ހަމަލާތައް ވެސް ހިމެނޭ ކަމަށެވެ.
އަދި ވަކި "ގައުމެއް" ބަޔާން ނުކޮށް ބުނީ އެގައުމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް އެގައުމުގެ ސަރުކާރުން ހަރުދަނާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން އެހެން ބުނި އިރު، އެމެރިކާއިން ވަނީ ޕާކިސްތާނުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތަކާ ދެކޮޅަށް އެ ގައުމުގެ ސަރުކާރު ތެދުވުމަށް ގޮވާލައިފަ އެވެ. އަދި އިންޑިއާއިން ވެސް ދަނީ ޕާކިސްތާނުން އެ ގައުމުގައި ހަރަކާތްތެރިވާ ޓެރެރިސްޓް ޖަމާއަތްތަކަށް މަދަދުދޭކަމަށް ބުނަމުންނެވެ.
އިންޑިއާގެ ކަޝްމީރުގައި ދާދި ފަހުން ދިން ޓެރަރިސްޓް ހަމަލާއެއްގައި އިންޑިއާގެ 40 ސިފައިން މަރުވުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގެ މަސްރަހު ވަނީ ވަރަށް ބޯޑަށް ގޯސްވެފަ އެވެ. ޕާކިސްތާނުގެ ޖަމާއަތަކުން ދިން ހަމަލާއެއް ކަމަށް ބުނެ އިންޑިއާއިން ވަނީ އެގައުމަށް ހަމަލާ ވެސް ދީފަ އެވެ. އަދި ޕާކިސްތާނުން ރައްދުގައި ހަމަލާދީ އިންޑިއާގެ ފައިޓާ ޖެޓެއް ވެސް ވައްޓާލައި ޕައިލެޓްއެއް ވެސް އަތުލައިގެތެވެ. ނަމަވެސް އޭނާ ފަހުން ވަނީ ދޫކޮށްލައިފަ އެވެ.