މާލޭގައި ހަދަމުންދިޔަ އިމާރާތެއްގެ މަތިން ބާލިދީ އެއް ވެއްޓި އަންހެނެއްގެ މޭ މަތީގައި ޖެހި އަނިޔާ ވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، މާވެޔޯ ގޯޅި ތެރޭގައި ހަދަމުން ދިޔަ އިމާރާތަކުން ބާލިދީއެއް ވެއްޓި މިއަދު މެންދުރު 1:50ގައި، 28 އަހަރުގެ އަންހެނެއްގެ މޭ މަތީގައި ޖެހިގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އަންހެން މީހާއަށް ސީރިއަަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި ހާދިސާ ހިނގުމުން ފުލުހުންގެ އިތުރުން ހައުސިން މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސައިޓަށް ގޮސް ހަރަކާތްތެރިވެފައި ކަމަށް ފުލުހުން ބުނެ އެވެ.

މާލޭގައި ހަދަމުން ދިޔަ އިމާރާތަކަށް އެރުވި ސިމެންތި ބަސްތާއެއް ކުޑަ އަންހެން ކުއްޖެއްގެ ބޮލަށް ވެއްޓި މަރުވި ހާދިސާއަށް ފަހު ކޮންސްޓްރަކްޝަން ސައިޓްތަކުގެ ހާލަތު ބެލުމުގެ ޕްރޮގްރާމެއް ކަމާބެހޭ އިދާރާތަކުން ވަނީ ކޮށްފަ އެވެ. އަދި މިންގަޑަށް ނުފެތޭ ބައެއް ސައިޓްތަކުގައި މަސައްކަތް ކުރުން ހުއްޓުވާފައި ވެސްވެ އެވެ.