04 Mar 2019, 15:22
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ސަރަހައްދުގައި ހުރި އިމާރާތެއްގެ ބޭރުގައި ކުލަލުމުގެ މަސައްކަތުގައި އުޅުނު ދެ ބިދޭސީއަކު ވެއްޓިއްޖެ އެވެ.
ފުލުހުން މިއަދު ބުނީ އެ ދެމީހުން ވެއްޓުނީ އިމާރާތުގެ ދެވަނަ ފަންގިފިލާ އިން ކަމަށެވެ. އެ ދެމީހުން ވެސް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށާއި އެތަނުން އެކެއްގެ ފައިގެ ކުޑަހުޅަށާއި އުނަގަނޑަށް ތަދުވުން ފިޔަވާ އިތުރު ގެއްލުމެއް ނުލިބޭ ކަމަށް ފުލުހުން ބުންޏެވެ.
އަދި އެ ދެމީހުންގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ހުޅުލޭގެ އިމާރާތަކުން ދެ މީހަކު ވެއްޓުނު އިރު އިމާރާތް ކުރާ އިރު، އަދި ކުލަލާ އިރު، ސަލާމަތީ ގޮތުން ފުރި ހަމަ ކުރަން ޖެހޭ ކަންތައް ކުރަން ކަމާ ބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ.