04 Mar 2019, 14:54
ހިޔާ މަޝްރޫއުގެ ފްލެޓުތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ޝަކޫރާ ސުވާލުކުރަން އެކަމަނާ މާދަމާ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމައިފި އެވެ.
މިނިސްޓަރު އާތިފާ މަޖިލީހަށް ހާޒިރު ކުރަން ނޯޓިސް ފޮނުއްވީ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ. ރިފާއު މިއަދު ވިދާޅުވީ، މާދަމާ މިނިސްޓަރު އާތިފާ މަޖިލީހަށް ހާޒިރު ކުރާނެ ކަމަށެވެ.
އާތިފާއާ ސުވާލު ކުރަން ހަމަޖެހިފައި ވަނީ ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށްް ގެންގޮސްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތަކުގެ ތެރެއިން އެ ފްލެޓުތައް ލިބޭނެ ކަމަށް ގެޒެޓުކޮށްފައިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ، މިހާރު މަސައްކަތް ފަށާފައިވާ 7،000 ދެ ކޮޓަރީގެ ފްލެޓާއި މަސައްކަތް ނުފަށައިވާ 2،500 ދެ ކޮޓަރީގެ ފްލެޓުތަކަށް ބަދަލު ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށް ދޭހަވާ ގޮތަށް އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރާ ހަވާލާދީ މީޑިއާގައި ހަބަރު ފެތުރިފައިވާތީ، އެކަމުގެ ހަގީގަތް ހޯދުމަށެވެ.
ހިޔާ މަޝްރޫއުގެ ފްލެޓުތައް ދޭނެ ފަރާތްތައް މިދިޔަ ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް މި ސަރުކާރުން ވަނީ ފްލެޓުތައް ހައްގު ނޫން ބަޔަކަށް ދިންކަމަށް ބުނެ އާންމުން ކުރާ ޝަކުވާއާއި ގުޅިގެން ފްލެޓުތަކުގެ ކަންތައް ބެލުމަށް ކޮމެޓީއެއް އެކުލަވާލައިފައެވެ.
ފްލެޓް ލިބުނު ފަރާތްތަކާ މެދު ގޮތެއް ނިންމޭނީ އެ ކޮމިޓީން އެ މައްސަލަތައް ބެލުމަށް ފަހު ކަމަށާއި ފުލެޓް ލިބުނު ފަރާތްތަކާ މެދު ގޮތެއް ނިންމޭނީ އެ ކޮމިޓީން އެ މައްސަލަތައް ބެލުމަށް ފަހު ކަމަށް މިނިސްޓަރު އާތިފާ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ އިން ފްލެޓު ހޯދުމަށް އެދި، 22،000 އަށް ވުރެ ގިނަ މީހުން ފޯމު ހުށަހެޅިއެވެ.
ފްލެޓުތަކާ ބެހޭގޮތުން ސުވާލު ކުރަން މިއަދު މާދަމާ މިނިސްޓަރު އާތިފާ މަޖިލީހަށް ހާޒިރުކުރަން ނިންމާފައިވާ އިރު، ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ދެއްކެވި ވާހަކަތަކަކާ ގުޅިގެން މިއަދު އެކަމަނާ ވަނީ މަޖިލީހަށް ހާޒިރުކޮށްފައެވެ. މާރިޔާ މިއަދު ވަނީ އިންޓަވިއުގައި ދެއްކެވި ވާހަކަފުޅުތަކާ މެދު ހިތްހަމަނުޖެހުމެއް އުފެދި އޮޅުމެއް އަރާފައިވާ ނަމަ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.