12 Oct 2011, 12:55
ދެކުނު އޭޝިޔާ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށް އުފައްދާފައިވާ ކޮންސޯޓިއަމް އޮފް ސައުތު އޭޝިޔަން ތިންކްޓޭންކްސް ]ކޮސާޓް[ އިން ތައްޔާރުކުރި މި ސަރަހައްދުގެ ތިމާވެއްޓާއި ހަކަތައިގެ ރައްކާތެރިކަމާ ބެހޭ ދިރާސާ ރިޕޯޓް މިއަދު ނެރެފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ރަސްމިއްޔާތެއްގައި އެ ރިޕޯޓް ނެރެދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.
ކޮންމެ އަހަރެއްގެ ސާކް ސަމިޓްގެ ކުރިން ކޮސާޓުން ނެރޭ ސިލްސިލާ ރިޕޯޓްތަކުގެ ތެރޭގައި ހިމެނިގެން މި އަހަރު ނެރުނު އެރިޕޯޓްގައި ރާއްޖެއާ ބެހޭ އެއްވެސް ބައެއް ހިމެނިފައި ނުވާ ކަމަށް ކޮސާޓުން ބުންޏެވެ.
ކޮސާޓްގައި އިންޑިޔާ ތަމްސީލް ކުރައްވާ ޑރ. ސުބާޗަންދުރަން ވިދާޅުވީ މި އަހަރުގެ ދިރާސާގައި ރާއްޖޭގެ ބައެއް ހިމެނުމަށް ޓަކައި ރާއްޖޭގެ ބައެއް ފަރާތްތަކަށް ދައުވަތުދިން ކަމަށާއި އެހެން ނަމަވެސް އެކިއެކި ސަބަބުތަކާ ހުރެ އެފަރާތްތަކަށް ބައިވެރިވެވޭގޮތް ނުވީ ކަމަށެވެ. އަދި މި އަހަރު ދިރާސާ ރިޕޯޓް ރާއްޖޭގައި ނެރުނީ ވެސް ރާއްޖޭގެ ބައިވެރިވުން ހޯދުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮސާޓްގެ ދިރާސާތަކަށް އެހީތެރިކަން ފޯރުކޮށްދެނީ ޖަރުމަނުގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ ކޮންރާޑް އެޑެނައުއާ ސްޓިފްޓުންނެވެ.
ރިޕޯޓް ނެރެދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނައިބު ރައީސް ޑރ. ވަހީދު ވިދާޅުވީ ތިމާވެއްޓާއި ހަކަތައިގެ ރައްކާތެރިކަމަކީ ރާއްޖެ އަށް އަބަދު ވެސް އެންމެ ސަމާލުކަން ދޭން ޖެހިފައިވާ މައްސަލަ ކަމަށާއި ފޮސިލް ފިއުލް އަށް ބަރޯސާ ކުރަން ޖެހިފައިވާތީ ރާއްޖެ އަށް ތިމާވެށީގެ ގޮތުންނާއި އިގުތިސާދީ ގޮތުން ބޮޑެތި މައްސަލަތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އަދި ރާއްޖޭގެ އާދައިގެ ރައްޔިތަކަށް މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރުން ކަރަންޓް ބޭނުން ނުކުރެވޭނެ ކަމަށާއި ސަރުކާރުން ތެލަށް ސަބްސިޑީ ދެނީ އެހެންވެ ކަމަށް ވެސް ޑރ. ވަހީދު ވިދާޅުވި އެވެ.
"މިހާރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހުރި މިންވަރުން ރާއްޖޭގެ އާދައިގެ މީހަކަށް ކަރަންޓަކަށް އަތެއް ނުފޯރާ. ސަރުކާރުން ތެލުގެ ސަބްސިޑީ ދޭން ޖެހެނީ އެހެންވެ، " ޑރ. ވަހީދު ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ޑރ. ވަހީދުގެ އިތުރުން ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އިބުރާހީމް ހުސައިން ޒަކީ އާއި ކޮސާޓް އަދި ކޮންރާޑްގެ އިސްފަރާތްތައް ބައިވެރި ވެވަޑައިގަތެވެ.
ކޮސާޓުން ކޮންމެ އަހަރަކު ދިރާސާ ކުރާނެ ދާއިރާއެއް ކަނޑައަޅަނީ ސާކް ސަމިޓްގައި ބަހުސް ކުރާ މައްސަލަތަކަށް ރިއާޔަތްކޮށްގެން ކަމަށް އެ ޖަމާއަތުން ބުންޏެވެ.