04 Mar 2019, 14:13
ވިންޓާ އޮލިމްޕިކްސް ޗެމްޕިއަންކަން މީގެ ކުރިން ހޯދާފައިވާ ކްލޮއީ ކިމް، އެމެރިކާގައި މިހާރު ކުރިއަށްދާ ބާޓޮން އޯޕެންގައި އަނިޔާވެ ފައިގެ ކުޑަ ހުޅުގައި ރެނދުލުމުންވެސް ރޭސް ނިންމާ ސިލްވާ މެޑަލް ހޯދައިފިއެވެ.
އުމުރުން 18 އަހަރުގެ ކްލޮއީ މިހާރު ދަނީ އޭނާގެ ހުޅު ސާޖަރީ ކުރުމަށް ތައްޔާރު ވަމުންނެވެ. މިދިޔަ ހޮނިހިރު ދުވަހު ފެށި ސްނޯ ބޯޑިންގް މުބާރާތުގައި ކްލޮއީއަށް އަނިޔާވެފައި ވަނީ ފުރަތަމަ ބުރުގައެވެ. ބާކީ ތިން ބުރު އޭނާ ފުރިހަމަ ކުރީ އެއްފައިގެ ކުޑަ ހުޅުގައި ރެނދުލަައިފައި ވަނިކޮށެވެ.
ނަމަވެސް އޭނަގައި ފަޔަށް އެހާ ބޮޑު އަނިޔާއެއް ވެފައިވާކަން އޭނާ އިއުލާން ކުރީ ރޭސް ނިންމިތާ އެއްދުވަސް ފަހުންއެވެ. ކްލޮއީ ޓްވިޓާގައި ކޮށްފައިވާ ޓުވީޓަކުން އެކަން އަންގަމުން ބުނީ ރޭހުގައި ވާދަކުރުމުގެ ތެރޭގައި ކުޑަ ހުޅުގައި ރެނދުލައިފައި ވާ ކަމަށާއި އެކަމަށްޓަކައި ސާޖަރީއެއް ކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
Today was insane!!! Love watching women’s snowboarding progress! Unfortunately found out that I broke my ankle today so I will need to get surgery to get it fixed. So bummed I won’t be able to compete in Mammoth but I will be there to support!! ????
— Chloe Kim (@ChloeKim)March 3, 2019
މިދިޔަ އަހަރު ދެކުނު ކޮރެއާގައި ޕިޔޮންގްޗެމްޕްގައި ބޭއްވި ވިންޓާ އޮލިމްޕިކްސްއިން ރަން މެޑަލް ހޯދާފައިވާ ކްލޮއީއަށް އެންމެ ފަހުން ބާޓަންގައި ކުރިއަށް ސްނޯ ބޯޑިންގް ޗެމްޕިއަންޝިޕުގައި ލިބުނީ ދެވަނައެވެ. އެ މުބާރާތުން އެއްވަނަ ހޯދާފައިވަނީ އެމެރިކާގެ މެޑީ މެސްޓްރޯއެވެ.
އުމުރުން އެންމެ 17 އަހަރުގައި ކްލޮއީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރުން އޭނާ ވަނީ މީގެ ކުރިން ޔޫތު މުބާރާތްތަކުގައި ވާދަކޮށް ހަތަރު ފަހަރު ރަން މެޑަލް ހޯދާފައެވެ. އަދި އޭނާގެ ފަޔަށް ލިބުނު އަނިޔާއާ އެކު އެނބުރި އަންނާނީ އިތުރަށް ވަރުގަދަ ކަމާއެކު ކަމަށް އޭނާ ވަނީ ބުނެފައެވެ.
ކްލޮއީގެ ސާޖަރީއަށް ފަހު އޭނައަށް އަނބުރާ ކުޅިވަރުގެ މައިދާނަށް ނުކުމެވޭނެ ދުވަހެއް އަންގާފައި ނުވާ އިރު މި މަހުގެ ނުވަވަނަ ދުވަހު ފަށާ އެމެރިކާގެ ގްރޭންޑް ޕްރިކްސް ހާފް ޕައިޕް މުބާރާތުގައި އޭނައަށް ބައިވެރި ނުވެވޭނެއެވެ.