04 Mar 2019, 13:53
ވޯޓު ކަރުދާހުގައި ކުރަހައި ނުވަތަ ލިޔެފި ނަމަ އެ ވޯޓު ކަރުދާސް ބާތިލްވާ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފިއެވެ.
ވޯޓު ކަރުދާހުގައި ލިޔެ ކުރަހައިފިނަމަ އެ ވޯޓު ބާތިލްވާގޮތަށް އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅީ ސ. ހުޅުދޫ ދާއިރާގެ މެމްބަރު ޕީޕީއެމްގެ މެމްބަރު މުހައްމަދު ޝާހިދުއެވެ.
އެ ބިލް މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގަތް 53 މެމްބަރުންގެ އިއްތިފާގުންނެވެ.
ވޯޓު ކަރުދާހުގައި ލިޔެ ކުރަހައިފި ނަމަ އެ ވޯޓު ބާތިލްވާގޮތަށް މީގެ ކުރިން ވެސް އިންތިޚާބާ ބެހޭ ގާނޫނަށް އިސްލާހު ހުށަހެޅިއެވެ. ނަމަވެސް އެ އިސްލާހު އޭރު ފާހެއް ނުވިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި އެކޮމިޝަނުގެ ސްޕޯކްސް ޕާސަން އަހުމަދު އަކްރަމް "ސަން"އަށް ވިދާޅުވީ ވޯޓު ކަރުދާހުގައި ލިޔެ ކުރަހައިފި ނަމަ އެ ވޯޓު ބާތިލުވާނެ ކަމަށް ހުށަހެޅި އިސްލާހަކީ ވޯޓު ސިއްރު ކުރުމަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
މަޖިލީހުން މިއަދު ފާސްކުރި ބިލަށް އަމަލު ކުރަން ފަށާނީ ރައީސް ތަސްދީގު ކުރައްވައި، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ދުވަހުން ފެށިގެންނެވެ.