އުފެދުމުގައި އައިބު ހުންނަ ކުދިންނާ ބެހޭ ދުވަސް (ވޯލްޑް ބާތު ޑިފެކްޓްސް ޑޭ) ރާއްޖޭގައި ފަހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

އުފެދުމުގައި އައިބު ހުންނަ ކުދިންނާ ބެހޭ ދުވަހުގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް މާޗުމަހުގެ ތިންވަނަ ދުވަހެވެ.

އެ ހަރަކާތްތައް ކުރިއަށް ގެންދާނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އަދި އައިޖީއެމްއެޗާ ގުޅިގެން ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.

އެގޮތުން އައިޖީއެމްޗްގައި ހުރި ބާތު ޑިފެކްޓްސްގެ މައުލޫމާތު ތައް ދިރާސާކޮށް އެމައުލޫމާތުތައް ދިނުމުގެ ރަސްމިއްޔާތެއް އައިޖީއެމްއެޗްގައި ބާއްވައި މިދިޔަ އަހަރު ތައްޔާރުކޮށް ނެރެވިފައިވާ އުފަންވާކުދިންގެ މެދުގައި ކްރިޓިކަލް ކޮންޖެނިޓަލް ހާޓް ޑިޒީޒް ހުރިކަން ދެނެގަތުމަށް ސްކްރީންކުރުމާބެހޭ ޕްރޮޓޮކޯލަށް އަހުލުވެރިކުރުމުގެ ގޮތުން އިތުރު ތަމްރީނު ޕްރޮގްރާމެއް މާލޭ ސަރަހައްދުގައި މަސައްކަތް ކުރައްވާ ޑޮކްޓަރުންނާއި ނަރުހުންނަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަދި ކަމާބެހޭ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އައިޖީއެމްއެޗް އަދި ގައުމީ ޔުނިވާސިޠިޓީގެ ސްކޫލުއޮފް ނަރސިންގ އާއި ފެކަލްޓީ އޮފް ހެލްތް ސައިންސް ގުޅިގެން އުފެދުމުގެ އައިބުތަކާ ގުޅޭ ގޮތުން ޕެނަލް ޑިސްކަޝަން އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރީން ބުނީ އެ ޕެނަލް ޑިސްކަޝަންގައި އެކަމާ ގުޅުންހުރި މަސައްކަތްކުރައްވާ ޖަމިއްޔާ ޖަމާއަތްތަކުން ކުރާ މަސައްކަތްތަކާއި މިފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮދިނުމުގައި ޖަމިއްޔާތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ބުނީ "ޕްރީ ކޮންސެޕްޝަން ކެއަރ" ނުވަތަ ބަލިއިނުމަށް ތައްޔާރު ވުމުގައި މިކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތް މަސައްކަތު ބައްދަލުވުމެއް މި މަހުގެ 12ން 13 އަށް ހިންގުމަށް ވެސް ހަމަޖެހިފައިވާ ކަމަށެވެ.