04 Mar 2019, 13:25
ރައްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތް ސްރީލަންކާގެ ހަތަރު މަސް ބޯޓު އެމްއެންޑީއެފުން ހުޅުމާލެއަށް ގެނެސް ފުލުހުންނާ ހަވާލުކޮށްފިއެވެ.
ރާއްޖޭގެ އިގްތިސޯދީ ސަރަހައްދުގައި މަސްވެރިކަން ކުރަން އުޅުނު އެ ބޯޓުތައް އެމްއެންޑީއެފުން އަތުލައިގަތީ މިދިޔަ ހުކުރު ދުވަހުއެވެ.
އެ ބޯޓްތައް އަތުލައިގެންފައިވަނީ ހއ. ކެލާގެ އިރު އުތުރުން 103 ނޯޓިކަލް މޭލު ބޭރުންނެވެ. އަދި އެ ބޯޓުތައް އެމްއެންޑީއެފްގެ ކޯސްޓްގާޑް ޝިޕް ހުރަވީއިން ވަނީ ފުރަތަމަ ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާ ބޭރުގެ މަސް ބޯޓުތައް ދޭތެރެއިން އެމްއެންޑީއެފް އަތުލައިގަނެއެވެ. އޭގެ ތެރެއިންވެސް އެންމެ ގިނައިން އަތުލައިގަންނަނީ ލަންކާގެ ބޯޓުތަކެވެ.