04 Mar 2019, 13:43
މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ މަގްސަދުގައި އެކުލަވާލާކޮންސިއުމާ ޕްރޮޓެކްޝަން ބިލުގެ ޑްރާފްޓަށްޚިޔާލު ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ކުރީގެ ގާނޫނު އުވާލައި، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްގުތައް ހިމާޔަތްކުރުމަށްޓަކައި ކުރިއަށްވުރެ ހަރުދަނާ އޮނިގަނޑެއް ގާއިމުކުރުމަށްޓަކައި، އައު ބިލެއް މިހާރު އެކުލަވާލައިފައިވާ ކަމަށެވެ.
އެ ބިލުގެ މަގްސަދަކީ މުދާ ގަންނަ ފަރާތްތަކާއި ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައްގުތައް ކަނޑައަޅައި ވިއްކާ މުދަލެއްގައި ނުވަތަ ދެވޭ ހިދުމަތެއްގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައެޅުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތްދޭ ފަރާތްތަކުގެ ހައްގުތަކާއި ޒިންމާތައް ކަނޑައަޅައި މުދާ ވިއްކުމުގައި ނުވަތަ ހިދުމަތެއްދިނުމުގައި ކުރުން މަނާކަންކަން ބަޔާންކޮށް މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބިފައިވާ ބަދަލުތައް ކަނޑައެޅުންވެސް މަގުސަދުތަކުގެ ތެރޭގައި ހިމެނޭކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ބިލުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް، އިންޓަރނެޓް މެދުވެރިކޮށް މުދާ ވިއްކާ ފަރާތްތަކާއި ހިދުމަތް ދޭ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކުރަންވެސް ލާޒިމްވާނެ ކަމަށެވެ.
މިނިސްޓްރީން ބުނީ އެ ބިލް އެ ބިލް ފަރުމާ ކުރެވިފައިވަނީ، ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރެވޭނެ އިންތިޒާމެއް ހިމެނޭ ގޮތަށް ކަމަށެވެ.
އަދި އެ ބިލަށް ހިޔާލް ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 11 ވަނަ ދުވަހާއަށް މިނިސްޓްރީގެ އީމެއިލް އެޑްރެސް،[email protected]މެދުވެރިކޮށް އޮންނާނެ ކަމަށް މިނިސްްޓްރީން ބުންޏެވެ.