މޯލްޑިވްސް ޕޮލިސް ސާވިސްގެ އެކި ޑިވިޝަންތަކަށް އަތޮޅުތަކުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 648 މައްސަލައެއްގެ ތަހުގީގު ނިންމައި 145 މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް )ޕީޖީ( އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުންގެ ބިއުރޯ އޮފް ކްރައިމް ރެކޯޑްސްގެ ސެޕްޓެމްބަރު މަހުގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން މިއަދު ވަނީ އެ މުއައްސަސާގެ އެކި ޑިވިޝަންތަކަށް އެކި އަހަރު ހުށަހަޅާފައިވާ މައްސަލަތަކުގެ ތަފާސް ހިސާބުތައް އާންމުކޮށްފަ އެވެ. އަދި ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން ތަހުގީގުތައް ނިންމުނު މައްސަލަތަކާއި ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތަފާސް ހިސާބު ވެސް ވަނީ އާންމުކޮށްފަ އެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ނޯތު ޕޮލިސް ޑިވިޝަނަށް 95 މައްސަލަ، ނޯތު ޕޮލިސް ޑިވިޝަނަށް 74 މައްސަލަ، ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް 35 މައްސަލަ، ސެންޓްރަލް ޕޮލިސް ޑިވިޝަނަށް 18 މައްސަލަ، އަޕާ ސައުތު ޕޮލިސް ޑިވިޝަނަށް 71 މައްސަލަ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް 52 މައްސަލަ، ސައުތު ޕޮލިސް ޑިވިޝަނަށް މަހަކު އެވްރެޖްކޮށް 116 މައްސަލަ ހުށަހެޅިފައިވެ އެވެ. އަދި މިދިޔަ މަހު އެކަނި ވެސް 536 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތަހުގީގުތައް ނިންމައި ޕީޖީއަށް ފޮނުވާފައިވާ 145 މައްސަލައިގެ ތެރޭގައި އަޕާ ނޯތު ޕޮލިސް ޑިވިޝަނުން 29 މައްސަލަ، ނޯތު ޕޮލިސް ޑިވިޝަނުން 23 މައްސަލަ، ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަނުން ދެ މައްސަލަ، ސެންޓްރަލް ޕޮލިސް ޑިވިޝަނުން ނުވަ މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަނުން 19 މައްސަލަ އަދި އަޕާ ސައުތު ޕޮލިސް ޑިވިޝަނުން 12 މައްސަލަ އަދި ސައުތު ޕޮލިސް ޑިވިޝަނުން 51 މައްސަލަ ޕީޖީއަށް ފޮނުވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެކި އަހަރުތަކުގެ މަތިން ހުށަހަޅާފައިވާ ޖުމްލަ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާ އިރު އަޕާ ނޯތު ޕޮލިސް ޑިވިޝަނަށް 112 މައްސަލަ, ނޯތް ޕޮލިސް ޑިވިޝަނަށް 77 މައްސަލަ, ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް 38 މައްސަލަ، ސެންޓްރަލް ޕޮލިސް ޑިވިޝަނަށް 19 މައްސަލަ، އަޕާ ސައުތު ޕޮލިސް ޑިވިޝަނަށް 85 މައްސަލަ، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަނަށް 59 މައްސަލަ، އަދި ސައުތު ޕޮލިސް ޑިވިޝަނަށް 146 މައްސަލަ ހުށަހެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ތަހުގީގުތައް ނިންމައި ޕީޖީއަށް ފޮނުވުމަށް ތައްޔާރުވެފައިވާ 648 މައްސަލައިގެ ތެރޭގައި އަޕާ ނޯތު ޕޮލިސް ޑިވިޝަނުން 87 މައްސަލަ، ނޯތު ޕޮލިސް ޑިވިޝަނުން 177 މައްސަލަ، ނޯތު ސެންޓްރަލް ޕޮލިސް ޑިވިޝަނުން 12 މައްސަލަ، ސެންޓްރަލް ޕޮލިސް ޑިވިޝަނުން 20 މައްސަލަ، އަޕާ ސައުތު ޕޮލިސް ޑިވިޝަނުން 97 މައްސަލަ، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަނުން 63 މައްސަލަ އަދި ސައުތު ޕޮލިސް ޑިވިޝަނުން 192 މައްސަލަ ނިންމާފައިވާ ކަމަށެވެ.