ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ މައްސަލަތަށް ބަލައި ދިރާސާ ކުރުމަށް "ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީ" ގެ ނަމުގައި ކޮމިޓީއެއް އެކްޓިންގް ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު އެކުލަވާލައްވައިފިއެވެ.

މީގެ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މަހުލޫފް މިނިސްޓަރު ކަމަށް އައްޔަން ކުރުމާއި ގުޅިގެން ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށް ފާހަގަކޮށް އެކަންކަން ބެލުމަށް ހާއްސަ ކޮމިޓީއެއް ވަނީ އުފައްދާވަފައެވެ. އަދި އެ މައްސަލައިގައި ސަރުކާރުން ފުޓުބޯޅަ އިދާރާއަށް ނުފޫޒު ނުފޯރުވޭނެކަމަށް ފީފާއިން އެންގި އެންގުމަކާއެކު އެ ކޮމިޓީ ވަނީ ފެއިލް ވެފައެވެ.

އަދި އޭގެ ފަހުން މަހުލޫފްއާއި އެފްއޭއެމްއާއި ދެމެދު ބޮޑު ހަނގުރާމައެއް އުފެދި ސޯޝަލް މީޑިއާގައި ވަރަށް ހޫނު ބަހުގެ ހަމަލާތަކެއް ދެފަރާތުން ބަދަލު ކޮށްފައިވެއެވެ.

އޭސީސީއިން ދާދި ފަހަކުން ނެރުނު އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ރިޕޯޓުގައި މަހުލޫފްގެ ނަން އޮތް އޮތުމާއި ގުޅިގެން އެ ބޭފުޅާ މިވަގުތު ހުންނެވީ ގޭގައި މަޑު ކުރައްވާފައެވެ. އަދި އެ މަގާމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަލީ ވަހީދު ވެސް އެފްއޭއެމްއާއި ދެމެދު މައްސަލަތައް ހައްލު ކުރުމަށް ވާހަކަ ދެއްކެވި ނަމަވެސް އެކަމަށް ވަނީ އެކަށީގެންވާ ހައްލެއް ނުލިބިފައެވެ.

އެފްއޭއެމްއިން ފީފާގެ ހިމާޔަތް ހޯދައިގެން ތިބި ނަމަވެސް ރާއްޖޭގެ ކުލަބު ތަކުން ނޯ ކޮންފިޑެންސްގެ ވޯޓެއް ނަގަން ބޭނުންވާ ނަމަ އެކަން ކުރުމަކީ ލާޒިމް ކަމެއް ކަމަށް އަލީ ވަހީދު ވިދާޅުވެފައި ވީ ނަމަވެސް އެފްއޭއެމްއިން ވަނީ އެކަން ކުރަން މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް އެކި ގޮތް ގޮތުން ދަތި ކުރުމުގެ ފިޔަވަޅުތައް އަޅާފައެވެ.

ސަރުކާރުގެ ނުފޫޒް އެފްއޭއެމްއަށް ނުފޯރާނެ ކަމަށް ބުނެ އަލީ ވަހީދު ވަނީ އިއްޔޭގެ ވަގުތެއްގައި ރާއްޖޭގެ ފުޓުބޯޅައަށް ދިމާވެފައިވާ މައްސަލަތައް ދެނެގަތުމައްޓަކައި ކޮމިޓީއެއް އުފަައްދަވައިފައެވެ.

ޑިސްޕިއުޓް ރިޒޮލިއުޝަން ކޮމިޓީގެ ނަމުގައި އުފެއްދި މި ކޮމިޓީގެ ޗެއާމަނަކަށް ހަމަޖައްސާފައި ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން އަދި ނިއު ރޭޑިއަންޓުގެ ކުރީގެ ޗެއާމަން އިބްރާހިމް ނޫރައްދީނެވެ. އަދި މި ކޮމިޓީގައި ދެން ހިމެނެނީ މަޝްހޫރު ގާނޫނީ ވަކީލް ޝާހީން ހަމީދާއި އެފްއޭއެމްގެ އިންޓަރިމް ކޮމިޓީގެ ޗެއާމަންގެ ގޮތުގައި އެ އެތަން އަހަރެއްހާ ދުވަހު ހިންގެވި އަހުމަދު ޝާހިރެވެ.

މީގެ ކުރިން ނޫސްވެރިންނާއި ބައްދަލުކުރައްވަމުން އަލީ ވަހީދު ވިދާޅުވީ އެފްއޭއެމް ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށާއި ރާއްޖޭގެ ރާއްޖޭގެ ފުޓުބޯޅައަށް ދެރައެއް ލިބޭ ނަމަ ފީފާގެ ހަމަތަކުގެ މަތިން އެކަން ހައްލު ކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށެވެ.