04 Mar 2019, 11:26
ކޮންސްޓްރަކްޝަން ސައިޓުތަކުގައި ހިނގާ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް، ގަވައިދުން ކޮންސްޓްރަކްޝަން ސައިޓުތައް މޮނީޓާ ކުރުމަށް މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި) އިން ބުނެފިއެވެ.
އެ ޖަމްއިއްޔާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އަބަދުވެސް ބާރުއަޅަނީ ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑާ އެއްގޮތަށް ފިޔަވަޅު އަޅައިގެން ސައިޓުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި އެ ޖަމްއިއްޔާ އިން ނެރެފައިވާ "ރާއްޖޭގައި އިމާރާތްކުރާ ތަންތަނުގައި ހުންނަންޖެހޭ ސިއްހީ އަދި ސަލާމަތީ ކަންތަކުގެ މިންގަނޑާ" އެއްގޮތަށް ހުރިހާ ސައިޓެއްގައިވެސް މަސައްކަތް ކުރިއަށް ގެންދިއުމަށް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.
އެމްއެންއޭސީއައިގެ ބަޔާނުގައި ބުނީ 2018 ޑިސެމްބަރު 16 ވަނަ ދުވަހު ކޮންސްޓްްރަކްޝަން ސައިޓެއްގައި ހިނގި ހިތާމަވެރި ހާދިސާގައި ކުޑަ ކުއްޖެއްގެ ފުރާނަ ގެއްލުނު ފަހުން ހިންގި އިންސްޕެކްޝަންތަކަކަށް ފަހު ހުޅުމާލޭގައި އިތުރު ދެ ހާދިސާއެއް ހިނގައި ދެ ބިދޭސީ އަކު މަރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި ނޫނަސް ކޮންސްޓްރަކްޝަން ހާދިސާތައް ހިނގަމުންދާކަމުގެ މައުލޫމާތު ލިބެމުންދާކަމަށާއި މިކަންތައް މަދު ކުރުމަސް ކޮންސްޓްރަކްޝަން ސައިޓުތައް ގަވައިދުން އިންސްޕެކްޓު ކުރަމުން ގެންދަންޖެހޭނެ ކަމަށެވެ. މަސައްކަތް ކުރާ މީހުންނާއި އެ ސަރަހައްދުގައި އުޅޭ މީހުންވެސް މިކަންކަމަށް ސަމާލުވުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސް ކޮށްފައެވެ