ނ. މާޅެންދޫގައި ރޭ ދަންޖެހެން އުޅުނު ކުއްޖަކު ސަލާމަތްކޮށްފި އެވެ.

މާޅެންދޫ ކައުންސިލްގެ މެމްބަރު އިސްމާއިލް ފަޔާޒު މިއަދު ވިދާޅުވީ، ރޭ ގާތްގަނޑަކަށް 10:45 އެހާކަންހާއިރު މާޅެންދޫ ގެއެއްގެ ގޯތި ތެރޭގައި ހުރި ފޭރު ގަހެއްގައި ދަން ޖެހިފައި ހުއްޓާ ސަލާމަތްކޮށްފައި ވަނީ 15 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި އޭނާއަކީ ކޮންމެވެސް ވަރަކަށް ސިކުނޑީގެ އުނިކަމެއް ހުންނަ ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ ދަންޖެހިފައި ހުއްޓައި ފެނުނީ އޭނާގެ މަންމައަށް ކަމަށް ވެސް ފަޔާޒް ވިދާޅުވި އެވެ.

"އޭނާގެ މަންމަ އަށް ދަން ޖެހިފައި ހުއްޓައި ފެނުނީ. އޭނަ މަންމަ ރޯ އަޑަށް، އަޅުގަނޑާ އެހެން ކައުންސިލަރަކާ އެތަނަށް ދިޔައިރުގައި އޭނާގެ މަންމަ ހުރީ އޭނާގެ ފައިގައި ހިފައިގެން ކުޑަކޮށް ހިއްލާލައިގެން. ދެން އަޅުގަނޑުމެން ވެގެން އެކުއްޖާ ސަލާމަތްކުރީ،" ފަޔާޒް ވިދާޅުވި އެވެ.

އަވަހަށް ސަލާމަތްކުރުމުގެ ސަބަބުން އެކުއްޖާ އަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުއްޖާ ދަން ޖެހުނީ މިހާރު އެ އަތޮޅު މަނަދޫގައި ކުރިއަށްދާ ޒޯން މުބާރާތް ބަލަން އެ ރަށަށް ނުދެވުމުން ކަމަށްވެ އެވެ.

"ކުއްޖާގެ މަންމަ ބުނީ، މަނަދޫގައި ކުރިއަށްދާ ޒޯން މުބާރާތުގެ މެޗުބަލަން ދާންށޭ ކުއްޖާ ބޭނުންވީ. އެކަމަކު މަންމަ ބުނީ ޓެސްޓު މާދަމާ އޮތީމާ މެޗުބަލަން ނުގޮސް ރަށުގައި މަޑުކުރަންވީނުންހޭ. އެހެންވެ އެެކަމާ ހިތްހަމަނުޖެހިގެން ކަމަށް ވަނީ އޭނާ ދަންޖެހުނީ." މާޅެންދޫ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭ ގދ. ތިނަދޫގައި ދަންޖެހިގެން މަރުވާން އުޅުނު ކުޑަކުއްޖަކު ސަލާމަތްކޮށް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށް ވަނީ މަރުވެފަ އެވެ.