04 Mar 2019, 11:22
އިސްތަންބޫލް (މާޗް 4): މަރާލާފައިވާ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީގެ ހަށިގަނޑު ވަނީ ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސުލްގެ ގޭގައި އަންދާލާފައި ކަމަށް އަލްޖަޒީރާއިން ތުހުމަތުކޮށްފި އެވެ.
ހާޝުގްޖީގެ މަރާ ބެހޭ ގޮތުން އަލްޖަޒީރާއިން ދެއްކި ޑޮކިއުމެންޓަރީއެއްގައިވާ ގޮތުން ހާޝުގްޖީގެ ހަށިގަނޑު އަންދާލާފައި ވަނީ ސައުދީ ކޮންސުލްގެ ގޭގައި ހުންނަ ބޮޑު އަވަނެއްގަ އެވެ. އެގެ ހުންނަނީ ސައުދީ ކޮންސިއުލޭޓާ ވަރަށް ކައިރީގަ އެވެ.
އަދި މީގެ ކުރިން ތުރުކީގެ މީޑިއާތަކުން ވަނީ، ހާޝުގްޖީ މަރާލި ދުވަހު އޭނާގެ ހަށިގަނޑުގެ ބައިތައް ކޮތަޅަށް ލައިގެން، ސައުދީ ކޮންސިއުލޭޓުން ކޮންސުލް ޖެނެރަލްގެ ގެޔަށް ގެންދިޔަ މަންޒަރު ފެންނަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ބުނެފަ އެވެ.
އަލްޖަޒީރާއިން ވަނީ އެ އަވަން ހެދި މީހާއާ ސުވާލުކޮށްފަ އެވެ. އަދި އެމީހާ ވަނީ އަވަން ހަދާފައި ވަނީ ސައުދީ ކޮންސުލް ދެއްވި އިރުޝާދުތަކާ އެއްގޮތަށް ކަމަށާއި އެއީ ފުން އަދި 1،000 ޑިގްރީ ސެލްސިއަސްއަށް ވުރެ އިތުރަށް ހޫނު ކުރެވޭ އަވަނެއް ކަމަށް ބުނެފަ އެވެ.
އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައިވާ ގޮތުން ހާޝުގްޖީގެ ހަށިގަނޑު އެންދުމަށް ފަހު، އެކަން ފޮރުވުމަށްޓަކައި އެ އަވަނުގައި ވަނީ ޖަނަވާރުގެ މަސް ފިހެފަ އެވެ.
މީގެ އިތުރުން ސައުދީ ކޮންސިއުލޭޓުގެ ފާރުގައި ލާފައިވާ ކުލަ ކެހުމުން، ފާރުގައި މީގެ ކުރިން ހާޝުގްޖީގެ ލޭ ހޭކިފައިވާކަން ތުރުކީގެ އިންވެސްޓިގޭޓަރުންނަށް އެނގިފައިވާ ކަމަށް އެޑޮކިއުމެންޓަރީގައިވެ އެވެ. އެއޮފީހުގައި ކުލަ ލާފައި ވަނީ ހާޝުގްޖީ މަރާލުމަށް ފަހު، އެކަމުގައި ބައިވެރިވި މީހުން ކަމަށްވެސް އަލްޖަޒީރާއިން ބުންޏެވެ.
އެޑޮކިއުމެންޓްރީގައި ސެކިއުރިޓީ އޮފިޝަލުންނާއި، ސިޔާސީ ފަރާތްތަކާއި ހާޝުގްޖީގެ އެކުވެރިންގެ އިންޓަވިއުތައް ހިމަނާފައިވެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު ދޭއްގައި ހާޝުގްޖީ މަރާލީ ތުރުކީގެ އަންހެނަކާ ކައިވެނި ކުރަން ބޭނުންވާ ލިޔެކިޔުންތަކެއް ހޯދަން އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔުމުންނެވެ. އޭގެ ކުރިން އޭނާ ދިރިއުޅެމުން ދިޔައީ އަމިއްލައަށް އަރުވާލެވިގެން އެމެރިކާގަ އެވެ.
ހާޝުގްޖީ މަރާލިކަމަށް ތުހުމަތު ކުރަން ފެށުމުން އެންމެ ފުރަތަމަ ސައުދީން ވަނީ އޭނާ އެދުވަހު ކޮންސިއުލޭޓު ދޫކޮށް ދިޔަ ކަމަށް ބުނެފަ އެވެ. ނަމަވެސް ފަހުން އެގައުމުން ވަނީ ސަރުކާރާ ގުޅުމެއް ނެތް ބަޔަކު، ސައުދީ ކޮންސިއުލޭޓު ތެރޭގައި ހާޝުގްޖީ މަރާލި ކަމަށް އެއްބަސްވެފަ އެވެ.
އެމެރިކާގެ ޖާސޫސީ އިދާރާ ސީއައިއޭއިން ވަނީ ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ހާޝުގްޖީ މަރާލަން އަމުރު ކުރީ ސައުދީ ޝާހީ އާއިލާގެ "އެންމެ މަތީ ފަންތިން" ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސައުދީން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ.
އެމައްސަލާގައި ސައުދީން ވަނީ 11 މީހެއްގެ މައްޗަށް ދައުވާކޮށްފަ އެވެ. އަދި ފަސް މީހަކަށް މަރުގެ އަދަބު ދޭން ޖެހޭ ކަމަށް ބުނެފަ އެވެ.