ވޮޝިންޓަން (މާޗް 4) : އެމެރިކާއަކީ ޑިމޮކްރެޓިކް ގައުމެއް ނަމަވެސް އެމެރިކާގައި ފަގީރުން ގިނަވެ މުއްސަދިންނާއި ފަގީރުންގެ ތަފާތު ބޮޑުވަމުންދާކަމަށް އެމެރިކާގައި ކުރިޔަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރާނެކަން އިއުލާންކޮށްފައިވާ ކޮރީބޫކަރ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ދޮން ނޫން ނަސްލުތަކުގެ މީހުންނާމެދު އެމެރިކާގައި ގެންގުޅޭ ނަސްލީ ތަފާތުކުރާ ދެކޮޅަށް އެމެރިކާގެ މަދަނީ ހައްގުތައް ކަށަވަރު ކުރުމުގެ ގޮތުން 1965 ގައި ބޭއްވި ހިނގާލުމުގައި މަރާލި މީހުންގެ ހަނދާނުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ބޫކަރ ވިދާޅުވީ އެމެރިކާގެ އާންމު ރައްޔިތުންނާ އެމެރިކާގެ ސަރުކާރުތަކުން އަޅާނުލާކަމަށާ އެމެރިކާ ސަރުކާރުން މަސައްކަތްކުރަނީ ކުންފުނިތަކާއި މުއްސަނދިންނަށް ރަނގަނޅު ގޮތްތައް ހޯދައިދިނުމަށް ކަމުގައެވެ.

އެމެރިކާގެ ރައްޔިތުން އެމެރިކާގެ އެތެރޭގައި ދެމުންގެންދާ ބަޑީގެ ހަމަލާތަކާއި ފަގީރުކަމުގެ ޝިކާރައަކަށްވަމުން ދިޔަނަމަވެސް އެކަން ހައްލުކުރުމަށް ޓްރަމްޕްގެ ސަރުކާރުންވެސް އެމެރިކާގެ އެހެން ސަރުކާރުތަކުންވެސް އެއްވެސް މަސައްކަތެއް ނުކުރާނެކަމަށް ބޫކަރ ތުހުމަތު ކުރެއްވިއެވެ. މީގެއިތުރުން އެމެރިކާގެ ފަގީރުން މަސްތުވާތަކެތީގެ ޝިކާރައަކަށްވެ އާއިލާތައް ހަލާކުވަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށްވެސް ބޫކަރ ވިދާޅުވިއެވެ.

އުމުރުން 49 އަހަރުގެ ބޫކަރ އަކީ އެމެރިކާގައި ފަގީރުންގެ ނިސްބަތް އެންމެ ގިނަ ކަޅު ނަސްލަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާއަކީ ނިޔުޖާޒީގެ ސެނެޓް މެންބަރެކެވެ. އޭނާ ނިސްބަތްވެ ވަޑައިގަންނަވަނީ ޑިމޮކްރެޓިކް ޕާޓީއަށެވެ.

އެމެރިކާގެ ފަގީރުންނަށާއި މެދުފަންތީގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ ތެރޭގައި ފެނާއި ކަރަންޓްގެ އަގު ބޮޑުވުމާއި ހިލޭ ސިއްޙީ ފަރުވާލިބޭނެ ގޮތެއްނެތުމާއި ގެދޮރުގެ ދަތިކަމާއި މަތީ ތައުލީމު ހާސިލް ކުރުމަށް ބޭނުންވާ ފައިސާ ނުލިބުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާކަން ބޫކަރ ފާހަގަ ކުރެއްވިއެވެ.

އެމެރިކާގެ ޑިމޮކްރަސީ ހިނގަނީ ހަމައެކަނި މުއްސަނދިންނާއި މަތީފަންތީގެ މީހުންނަށް ކަމަށާ ދަށުފަންތިތަކުގެ މީހުންނާއި ފަގީރުންނަށް ޑިމޮކްރަސީގެ އެއްވެސް ފައިދާއެއް ނުލިބޭކަމަށް ބޫކަރ ވިދާޅުވިއެވެ. ބޫކަރ ވިދާޅުވީ އެމެރިކާގެ ވެރިކަމުގެ ނިޒާމަކީ އެމެރިކާގެ ނިކަމެތިންނާއި ފަގީރުންނަށް އެއްވެސް ވަރަކަށް އަޅާނުލާ އަދި ނަސްލީ ތަފާތުކުރުންތަކާމެދު އިހުމާލު ވާ ނިޒާމެއް ކަމަށާއި އެމެރިކާގެ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައިވެސް އެމެރިކާގެ ސަރުކާރުތައްވަނީ ފޭލިވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގައި މިހާރު އޮންނަ ވަރަށްވެސް މަދަނީ ހައްގުތައް ކަޅު މީހުންނަށް ކަށަވަރުވެފައިވަނީ އެކަމާދެކޮޅަށް މާޓިން ލޫދަރ ކިންގް ފަދަ ބޭފުޅުން 1960 ގެ އަހަރުތަކުގައި ކުރެއްވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުންނެވެ. ނަސްލީ ތަފާތުތަކާއި މަދަނީ ހައްގުތަކަށް ގޮވާލައި އެދުވަސްވަރު އެމެރިކާގެ ކަޅު މީހުން ކުރި މުޒާހަރާތަކަށް އެމެރިކާގެ ސަލާމަތީ ބާރުތަކުން ބަޑިޖަހައި އެތައް ބަޔަކު މަރާލުންފަދަ ޖަރީމާތައް އެމެރިކާގެ ސަރުކާރުންތަކުން ހިންގާފައިވެއެވެ.

އެމެރިކާއަކީ ޑިމޮކްރަސީ ގެ ކުލަވަރު ޖެހިގެން އޮންނަ ގައުމެއްނަމަވެސް ބައިނަލްއަގްވާމީ މުޖްތަމައުގައިވެސް އެމެރިކާގެ އަމަލުތަކާއި ހަރަކާތްތައް ހުންނަނީ އިސްތިއްމާރީ ބާރެއް ނުވަތަ އިންޕީރިއަލް ގައުމެއްގެ ސުލޫކު ހުންނަ ގޮތަށެވެ. މިގޮތުން އެމެރިކާއާ އިދިކޮޅު ގައުމުތަކާ ދިމާކުރުމާއި ބިރު ދެއްކުމާއި ބައިނަލްއަގްވާމީ މުޖްތަމައުގައި ބްލީކުރުމާއި އިރާގަށް އަރައިގަތްގޮތަށް ގައުމުތަކަށް އަރައިގަތުމާއި ހަނގުރާމައިގެ ހުޅުތައް ރޯކުރުމާއި ހަނގުރާމަތައް ދެމެހެއްޓުމަށްޓަކައި ހަތިޔާރު ފޯރުކޮށްދިނުމަކީ އެމެރިކާގެ ޚާރިޖީ ސިޔާސަތުގެ ބައެކެވެ.

މީގެއިތުރުން ޑިމޮކްރަސީއާއި އިންސާނީ ހައްގުތަކުގެ ނަމުގައި އޭގެ ނާޖާއިޒު ފައިދާ ނަގައިގެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށްވަދެ ގައުމުތަކުގައި ފިތުނަ އުފެއްދުމާއި ދާޚިލީ ހަނގުރާމައަށް މަގުފަހިކުރުވުމުގައިވެސް އެމެރިކާގެ ދައުރު ބޮޑުކަން ޔަމަނުގެ ހަނގުރާމައާއި ލީބިޔާއާއި ސޫރިޔާގެ ދާޚިލީ ހަނގުރާމަތަކުން ވަނީ ހާމަވެފައެވެ. އަދި އިސްރާއީލުގެ އިސްތިއްމާރަށް އެހީތެރިވަނީވެސް އެމެރިކާއިންނެވެ. މިއީ ހަގީގީ ޑިމޮކްރަސީގެ ސުލޫކާއި ސިފަތަކެއް ނޫނެވެ.

(ނޫސްއެޖެންސީތަކާއި މީޑީޔާ ރިޕޯޓްތައް)