04 Mar 2019, 09:12
ސަރުކާރު ކުންފުނިތައް ނުވަތަ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ތަކުގެ ތެރެއިން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ކުންފުންޏަކީ އެމްއޭސީއެލް ކަމަށް ތަފާސް ހިސާބުތައް ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީ އިން އިއްޔެ އާންމުކުރި މި ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްއޭސީއެލް އަށް 1,109,771,000 ރުފިޔާގެ އާމްދަނީ އެއް ލިބުނެވެ. 2017 ވަނަ އަހަރުގެ އެ މުއްދަތުގައި އެމްއޭސީއެލް އަށް ލިބިފައިވަނީ 925,890,642 ރުފިޔާގެ އާމްދަނީއެކެވެ. އެވެ. ކުންފުނި ވަނީ މި މުއްދަތުގައި 19 ޕަސެންޓު ކުރި އަރައިފައެވެ. ކުންފުނީގެ ސާފު ފައިދާއަށް މިދިޔަ އަަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ލިބުނީ 277 މިލިއަން ރުފިޔާ އެވެ.
ދެވަނައަށް އެންމެ ބޮޑު އާމްދަނީ އެއް ލިބިފައިވަނީ ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އަށެވެ. އެސްޓީއޯ އަށް 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އާމްދަނީގެ ގޮތުގައި ލިބުނީ 2,398,303,260 ރުފިޔާއެވެ. އެ ކުންފުންޏަށް އޭގެ ކުރީ އަހަރުގެ އެ މުއްދަތުގައި 1,693,376,943 ރުފިޔާގެ އާމްދަނީ އެއް ލިބުނު އިރު ކުންފުނީގެ އާމްދަނީ ވަނީ 41 ޕަސެންޓު ކުރިއަރައިފައެވެ. އެސްޓީއޯ އަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ފައިދާގެ ގޮތުގައި ލިބުނީ 47 މިލިއަން ރުފިޔާއެވެ.
ސަރުކާރު ހިއްސާވާ އިތުރު ކުންފުނިތަކުގެ ފައިދާއަށް ބަލާއިރު އާސަންދަ ކުންފުންޏަށް ވަނީ 61 މިލިއަން ރުފިޔާގެ ފައިދާއެއް ވެފައެވެ. 2017 ވަނަ އަހަރުގެ އެ މުއްދަތުގައި ކުންފުންޏަށް ލިބިފައިވަނީ ގެއްލުމެވެ.
ދިރާގަށް ދެ ބިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބުނުއިރު އައިލެންޑް އޭވިއޭޝަނަށް ލިބިފައިވަނީ 85 މިލިއަން ރުފިޔާގެ ފައިދާއެކެވެ. ސަރުކާރުގެ ފެންކުންފުނި އެމްޑަބްލިއުއެސްސީއަށް މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި 59 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބުނު އިރު ބީއެމްއެލްއަށް ވަނީ 269 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ. އެމްޓީސީސީއަށް ލިބުނީ އެންމެ ތިން ލައްކަ ރުފިޔާގެ އާމްދަނީ އެކެވެ.