ދެ ވަނަ ފަހަރަށް އިސްލާމިކް އެފެއާޒް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަންކުރެއްވި ޑރ. އަބްދުލްމަޖީދު އަބްދުލްބާރީ އަށް، ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަށް، މަޖިލީހުގެ ދާއިމީ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ޑރ. މަޖީދަށް ރުހުން ދިނުމާ މެދު މަޖިލީހުން ގޮތެއް ކަނޑައަޅައިދިނުމަށް އެދިވަޑައިގެން ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ފޮނުއްވެވި ސިޓީފުޅު، އަމީން އާއްމު އަހްމަދު މުހައްމަދު މިއަދުގެ ޖަލްސާގައި މަޖިލީހަށް އިއްވެވުމުން، ރިއާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޑރ. މަޖީދަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ފޮނުއްވީ ކަމަށެވެ.

ސަރުކާރާ އެކު އަދާލަތުން ހަދާފައިވާ ކޯލިޝަން ރޫޅައިލުމަށް ފަހު، މިނިސްޓަރު ކަމުން ޑރ. މަޖީދު އިސްތިއުފާ ދެއްވުމަށް އަދާލަތުން ގޮވާލުމާ ގުޅިގެން އެމަނިލުފާނު އިސްލާމިކް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. ނަމަވެސް މި މަހު ނުވަ ވަނަ ދުވަހު އަލުން އިސްކާމިކް އެފެއާޒް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު ޑރ. މަޖީދު ވިދާޅުވެފައި ވަނީ އަލުން އެ މަގާމާ ހަވާލުވެވަޑައިގަތީ އަމިއްލަ މަސްލަހަތަށް ވުރެ ގައުމަށް ހިދުމަތްކުރެއްވުމުގެ ބޭނުން ފުޅުގައި ކަމަށެވެ.