އުރީދޫ މޯލްޑިވްސް އަށް ހުޅުމާލޭން ލިބިފައިވާ ބިމުގައި އަޅަން ނިންމާފައިވާ ހެޑް އޮފީހުގެ މަސައްކަތް މިހާރު އޮތީ ރިކުއެސްޓް ފޯ ޕްރޮޕޯޒަލް (އާރުއެފްޕީ) ސްޓޭޖުގައި ކަމަށް އެ ކުންފުނިން ބުނެފިއެވެ.

ރޭ ބޭއްވި އުރީދޫގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލެއްގެ ޖަވާބުގައި ކުންފުނީގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ހިދުމަތްތައް މިހާރު ދެނީ ތިން އޮފީހެއްގައި ކަމަށާއި އެއް ފުރާޅެއްގެ ދަށުން ކުންފުނި ހިންގުމަކީ މިހާރުން މިހާރަށްވެސް ބޭނުން ކަމެއް ކަމަށެވެ.

އުރީދޫގެ 2018ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ކޮންމެ ކޮންމެ އަގެއްގައި އިމާރާތް އަޅާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ރަނގަޅު ހެޔޮ އަގެއްގައި އެ މަސައްކަތް ކުރަން،" ނަޖީބް ހާން ވިދާޅުވީ އިމާރާތުގެ ޕްލޭން އެކުލަވާލައި ނިމިފައިވާ ކަމަށެވެ. މިހާރު ކުރިއަށްދަނީ އެންމެ ރަނގަޅު ކޮންޓްރެކްޓަރަކު ހޯދުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުރީދޫގެ އޮފީސް އިމާރާތް ވެގެންދާނީ ރާއްޖޭގެ މާހައުލާ ގުޅޭ، ހުޅުމާލެ ފަަދަ ކުރިއަރަމުން އަންނަ ސިޓީ އަކާ ވެސް އެންމެ ގުޅޭނެ އިމާރާތަކަށް ކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ.

އުރީދޫ މޯލްޑިވްްސްގެ ހެޑް އޮފީސް އެޅުމަށް ހުޅުމާލޭ ފިޔަވަހި އެކަކުން ބިން ދިނީ 2017 ވަނަ އަހަރުގެ މާޗު މަހުއެވެ. އިމާރާތުގެ ޑިޒައިން ދައްކާލައި ބިންގާ އަޅާފައިވަނީ އެ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުއެވެ.