އަންނަ އޭޕްރިލް މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ރީރެޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތުގައި ރީރެޖެސްޓްރީ ވުމަށް 21،203 ފޯމު އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް "ސަން"އަށް ވިދާޅުވީ، ރީރެޖިސްޓްރީ ވުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެކަމަށް އެދި ހުށަހަޅާފައި ވަނީ 21،203 ފޯމު ކަމަށެވެ. ނަމަވެސް އެ އަދަދަށް ބަދަލެއް އައިސްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަކުރަމް ވިދާޅުވީ، ވޯޓު ފޮށި ބަހައްޓަން ބޭނުންވާ މިންވަރަށް މީހުން ރެޖިސްޓްރީ ނުވާ ތަންތަނުގައި ރެޖިސްޓްރީވެފައި ތިބި މީހުން އަލުން ރީރެޖިސްޓްރީވުމަށް ހުޅުވާލާނެ ކަމަށެވެ.

"އަޅުގަނޑުމެން ވޯޓު ފޮށި ބަހައްޓަން ކަނޑައެޅި ސީލިންއާ އެއްވަރަށް މީހުން ނެތް ތަންތަނަށް ރެޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް ވޯޓު ފޮށި ބަހައްޓާ ތަންތަނަށް ރީރެޖިސްޓްރީ ވުމަށް ވަރަށް އަވަހަށް ހުޅުވާލާނަން،" އަކުރަމް ވިދާޅުވި އެވެ.

އަކުރަމް އިތުރަށް ވިދާޅުވީ، އެ ކޮމިޝަނުން ތާވަލުކޮށްފައި އޮތް ގޮތަށް އިންތިހާބު ކުރިއަށްދާނެ ކަމުގެ ކަށަވަރުކަން އެބަ އޮތް ކަމަށެވެ. އަދި އިންތިހާބު ވެގެން ދާނީ މިނިވަން އިންސާފުވެރި އިންތިހާބަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.