03 Mar 2019, 22:02
"ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލް" އަށް އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމުގެ ބިލަކީ ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމަށާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން ހަނިވާގޮތަށް ހިންގާ ވިޔަފާރީގެ ޢަމަލުތަކުގެ ސަބަބުން ގައުމުގެ އިގްތިސާދީ ކުރިއެރުމަށް ކުރާ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް ހުރަސްއަޅާ އެއްބަސްވުންތަކާއި ވިޔަފާރީގެ އަމަލުތައް މަނާކުރުމަށް އެކުލަވާލައިފައިވާ ބިލެކެެވެ.
މިއަދު އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް އެ ބިލަށް ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ މިިނިސްޓްރީގެ އީމެއިލް އެޑްރެހަށް ހިޔާލު ފޮނުވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ވިޔަފާރީގެ ވާދަ ވެރިކަމާ ބެހޭ ބިލަކީ މާކެޓުގައި ނުފޫޒުފޯރުވޭނޭ މަގާމެއް ލިބިފައިވާ ވިޔަފާރިއަކުން އެފަދަ މަގާމެއްގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ ކުރުން ހުއްޓުވަން މަސައްކަތް ކުރާ ބިލެކެވެ. އަދި އެއް ވިޔަފާރިއެއް އަނެއް ވިޔަފާރިއަކާ މާރޖާރއެއް ހެދުމުގެ ސަބަބުން ވިޔަފާރީގެ ދާއިރާގެ ވާދަވެރިކަމަށް އާދަޔާ ހިލާފަށް ހުރަސްއެޅިގެންދާދިޔުން އެ ބިލުން ކޮންޓްރޯލު ކުރަން އެ ބިލުގައި އުސޫލެއް ކަނޑައަޅާފައިވެ އެވެ.
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައި ދެމެހެއްޓުމާބެހޭ ކަންކަން ބަލަހައްޓާ އިދާރާގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ވެސް އެ ބިލުގައި ބަޔާންކޮށްފައިވެ އެވެ.
ބިލުގެ މަގުސަދުތައް:
ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަމުގެ ސަގާފަތެއް އާލާކުރުމާއި، ވިޔަފާރީގެ ދާއިރާގައި ވާދަވެރި މާހައުލެއް ކުރިއަރުވައި ދެމެހެއްޓުން
- ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރިތައް ކުރިއަރުވައި، ވިޔަފާރީގެ ފެންވަރު މަތިކުރުން
- ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދައިގެން ވިޔަފާރީގައި އައުގޮތްތަކާއި، އައު ވިސްނުންތަކާއި އައު އުފެއްދުންތަކާއި ހިދުމަތްތައް ތައާރުފުކުރުމަށް ހިތްވަރުދިނުން
- ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިވެހިރާއްޖޭގެ އިގްތިސާދުގައި ބައިވެރިވުމުގެ ފުރުސަތުތައް ހުޅުވާލުމާއި، އެފަދަ ވިޔަފާރިތަކަށް އެ ފުރުސަތުތައް ކަށަވަރުކޮށްދިނުން
- މުދާ ގަތުމާއި ހިދުމަތް ހޯދުމުގައި އާންމުންނަށް އޮންނަ އިހްތިޔާރާއި ފުރުސަތުތައް އިތުރުކުރުން