03 Mar 2019, 22:55
ކުބާނީ (މާޗް 3): ސޫރިޔާގެ އިރު އުތުރުގެ ބާޣޫޒް އަވަށުގައި ފައިހަރުކޮށްލައިގެންތިބި އައިއެސް ޖަމާއަތުގެ ހަނގުރާމަވެރިން އެ އަވަށުން ނުކުތުމަށް އެންމެފަހުން އެއްބަސްވެއްޖެއެވެ.
އައިއެސް ގެ އަތްދަށުން ބާޣޫޒް އަވަށް މިނިވަން ކުރުމަށް މަސައްކަތްކުރާ ސޫރިޔާގެ ކުރުދީ ޖަމާއަތެއް ކަމަށްވާ ސީރިޔަން ޑިމޮކްރެޓިކް ފޯސަސް (އެސްޑީއެފް) އިން ބުނީ އެއަވަށުން ނުކުތުމަށް އައިއެސްގެ ހަނގުރާމަވެރިން އެއްބަސްވީ އެމީހުންނަށް ފުރާނަ ސަލާމަތް ކުރެވޭނެ އެހެން އެއްވެސް ގޮތެއް ނެތިގެންކަމުގައެވެ. އެޖަމާއަތުގެ ތަރްޖަމާން މުސްތަފާ ބާލީ ވިދާޅުވީ ބާޣޫޒް އަވަށުން ނުކުތުމަށް އެއްބަސްވި އައިއެސްގެ ހަނގުރާމަވެރިންނަށް ފިލައިގެން ނުދެވޭނެ ކަމަށާ އެމީހުން ހަނގުރާމައިގެ އަސީރުންގެ ގޮތުގައި ހައްޔަރުކުރާނެކަމުގައެވެ.
އެސްޑީއެފް އަކީ އެމެރިކާގެ މަދަދާއެކު އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރަމުންގެންދާ ސޫރިޔާގެ ކުރުދީންގެ ޖަމާއަތެކެވެ. ބާޣޫޒް އަވަށުގައި ތާށިވެފައިތިބި ސޫރިޔާގެ އާއްމުން ނެރުމަށް އައިއެސްޑީއެފް އިން ކުރި މަސައްކަތް ތަކުގެ ނަތީޖާއެއްގެ ގޮތުން ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަ ކުދިންވަނީ އެއަވަށުން ވަނީ ނުކުމެފައެވެ. މިގޮތުން އާންމުންގެ ވިހާސް މީހުން ބާޣޫޒް އަވަށުން ނެރެފައިވާއިރު އެމީހުންވަނީ އދ. ގެ އެހީއާއެކު ވަގުތީ ކޭމްޕްތަކަށް ގެންގޮސް އިންސާނީ އެހީ ފޯރުކޮށްދޭން ފަށާފައެވެ.
ނަމަވެސް އެމީހުންވަނީ ހައިހޫނުކަމާއި ބަލިމަޑުކަމުގެ ޝިކާރައަކަށްވެފައި ކަމަށާ އަދި ބާޣޫޒް އަވަށުން ނެރުނު މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން ކަމަށް އދ. ން ބުނެއެވެ. ބާޣޫޒް އަވަށް މިނިވަން ކުރެވުމުން ސޫރިޔާގެ ބިމުގައި އައިއެސް ޖަމާއަތުން ގާއިމްކުރި ބާތިލް ޚިލާފަތް ގާތްގަނޑަކަށް ބިމާހަމަކޮށްލެވުނީއެވެ. އަދި ސޫރިޔާގައި އޮތް އައިއެސް ޖަމާއަތުގެ ވުޖޫދުވެސް ގާތްގަނޑަކަށް ނިމުމަކަށް އައީއެވެ.
ނަމަވެސް ދީރުއްޒޫރުގެ ހަނަފަސް ސަރަހައްދެއްގައި އަދިވެސް އައިއެސްގެ ޕޮކެޓެއް އެބަހުރި ކަމަށާ އެ ޕޮކެޓް ލަސްތަކެއްނުވެ މިނިވަންކޮށް މި މަސް ނިމުމުގެ ކުރިން އައިއެސްގެ ހަނގުރާމަވެރިންގެ ވުޖޫދު ސޫރިޔާގެ ބިމުން ނައްތާލާނެކަމަށްވެސް އައިއެސްޑީއެފް އިން ކަމަށް ބުނެއެވެ. (ނޫސްއެޖެންސީތައް)