03 Mar 2019, 21:21
އދ. ދިގުރަށު ހަރުގެއްގައި އަލިފާން ރޯވެ މީހަކު ފިހިއްޖެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިރޭ ވިދާޅުވީ، ހަރުގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 19:04 ގައި ކަމަށެވެ. އަދި ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ހާދިސާގައި ފިހިފައި ވަނީ އުމުރުން 66 އަހަރުގެ މީހަކެވެ. އޭނާ އަށް މިހާރު ދަނީ ދިގުރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.
ދިގުރަށު ކައުންސިލުގެ މެމްބަރު އިމްރާން އާދަމް "ސަން"އަށް ވިދާޅުވީ، ފިހުނު މީހާގެ ހާލު ސީރިއަސް ނޫން ކަމަށެވެ. ނަމަވެސް ވިދާޅުވީ ފުރަތަމަ ރޯވީ އެމީހާ ލައިގެން ހުރި ޓީޝާޓްގައި ކަމަށެވެ. އަދި ޓީޝާޓް ބާލަން އުޅުމުގެ ތެރޭގައި އަތުގެ އިނގިއްޔެއް ވެސް ފިހުނު ކަމަށެވެ.
އޭގެ އިތުރުން އެ މީހާގެ އުނަގަނޑާ ހިސާބުން ގާތްގަނޑަކަށް ތިން އިންޗުގެ ތަނެއް ފިހުމުގެ ސަބަބުން ހަން ނެއްޓިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ. އޭގެ އިތުރުން، ހަށިގަނޑުގެ އެހެން ސަރަހައްދުތައް ތަންތަންކޮޅުން ފިހިފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ހާދިސާގައި ހަރުގެ ތެރޭގައި އޮތް ކުޑަ ބޮއްކުރައެއްގައި ރޯވެ އޭގެ ބައެއް ވަރަށް ބޮޑަށް އަނދާފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ހުރި ރުކެއްގައި ރޯވެ ރުކަށް ވެސް ގެއްލުންވި ކަމަށް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އެހާދިސާ ހިނގަން މެދުވެރިވީ، ލަކުޑިތަކެއްގައި ކަޅުތެޔޮ ލުމަށް އުޅުމުގެ ތެރޭގައި، ތެޔޮ ގަނޑުވެފައި ހުރުމުން އެ ދިޔާ ކުރުމަށް ހޫނު ކުރުމުގެ ތެރޭގައި ތެލާ އެކުވެފައި ހުރި ޑީސަލްގައި ރޯވުމުން ކަމަށެވެ.