އަންނަ އަހަރު ޕޮލެންޑާއި ޔޫކްރޭނުގައި ބާއްވާ ޔޫރޯ އަށް ކޮލިފައިވުމުގެ ބުރު ރޭ ނިމިފައިވާ އިރު، ކޮންމެ ގްރޫޕަކުން ކޮލިފައިވީ ޓީމު މިވަނީ އެނގިފަ އެވެ. ގްރޫޕް ގެ އެއް ވަނަ އަށް ދިޔަ ޓީމުތައް ކޮލިފައިވާއިރު، ދެވަނަ އަށްދާ ޓީމުތައް ޕްލޭ އޯފް ގެ މެޗުތައް ކުޅެން ޖެހޭނެ އެވެ. ރޭ ކުޅުނު ކޮލިފައިންގެ ފަހު މެޗުތަކުން ނަސްރީގެ ޕެނަލްޓީ އިން ފްރާންސް ސަލާމަތްވި އިރު، ޑެންމާކް އަތުން ބަލިވުމުގެ ސަބަބުން ޕޯޗުގަލް އަށް ވަނީ ޕްލޭ އޯފް ކުޅެން ޖެހިފަ އެވެ.

ގްރޫޕް އެޗްގައި ޕޯޗުގަލް ޕްލޭ އޯފް އަށް ވައްޓާލުމަށް ފަހު ޑެންމާކު ވަނީ ޔޫރޯގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. މިމެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ހޯދީވެސް ޑެންމާކުން ނެވެ. މެޗުގެ ތޭރަ ވަނަ މިނެޓުގައި މައިކަލް ކްރޯން-ޑެލީ ޑެންމާކަށް ލީޑު ހޯދައިދީފައި ވަނިކޮށް 63 ވަނަ މިނެޓުގައި ނިކްލަސް ބެންޑްޓުނާ ވަނީ ޑެންމާކަށް ލީޑު ފުޅާ ކޮށްދީފަ އެވެ. މެޗުގައި ޕޯޗުގަލްގެ ހަމައެކަނި ލަނޑު މެޗުގެ ފަހު މިނެޓުގައި ކާމިޔާބު ކޮށްދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ޑެންމާކު ކުރީގައި އޮވެގެންނެވެ. މިގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ނޯވޭ ވަނީ ސައިޕްރަސް އަތުން 3-1 ލަނޑުން މޮޅުވެފަ އެވެ.

ގްރޫޕް ޖީ ގައި ބޮސްނިއާ-ހާޒެގޯވީނާ އާއި ދެކޮޅަށް ކުޅުނު މެޗުން މޮޅު ބަލިވެއްޖެ ނަމަ ފްރާންސަށް ޔޫރޯ ގެ މަގާމު ރޭ ކަށަވަރު ކުރެވެން އޮތް ފުރުސަތު ގެއްލެމުން ދަނިކޮށް ސަލާމަތްކޮށްދިނީ ސާމިރް ނަސްރީ އެވެ. މެޗުގެ 40 ވަނަ މިނެޓުގައި އެޑިން ޖެކޯ ބޮސްނިއާ އަށް ކުރި ހޯދައިދީފައި ވަނިކޮށް 78 ވަނަ މިނެޓުގައި އެމިރް ސްޕަހިޗް ބޮސްނިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ފްރާންސަށް ޕެނަލްޓީ އެއް ލިބުނެވެ. މިޕެނަލްޓީ ކާމިޔާބު ކޮށް ނަސްރީ ވަނީ ފްރާންސް އަށް ހިތްހަމަ ޖެހުމެއް ހޯދައިދީފަ އެވެ. މިގްރޫޕްގެ ޕްލޭ އޯފް ގެ ޖާގަ ކަށަވަރުވީ ބޮސްނިއާ އަށެވެ. މެޗް 1-1 ލަނޑުން އެއްވަރުވެ ނިމުމުން، ފްރާންސަށް ޔޫރޯ މުބާރާތުގެ ޖާގައެއް ކަށަވަރު ވި އެވެ.

މިގްރޫޕްގައި ކުޅުނު އަނެއް މެޗު ވެސް ނިމިގެން ދިޔައީ 1-1 ލަނޑުން އެއްވަރު ވެގެންނެވެ. އެލްބޭނިއާ އާއި ރޫމޭނިއާ ބައްދަލު ކުރި މިމެޗުގެ 24 ވަނަ މިނެޓުގައި ހަމްދީ ސަލިހީ އަލްބޭނިއާ އަށް ލީޑު ހޯދައިދީފައި ވަނިކޮށް 77 ވަނަ މިނެޓުގައި ސާޖިއަން ލުޗިން ވަނީ ރޫމޭނިއާ އަށް ލަނޑެއް ކަމިޔާބު ކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.
ގްރޫޕް އޭ އިން ކޮލިފައިވެފައިވާ ޖަރުމަން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ކޮލިފައިވި ދެޓީމުގެ ތެރެއިން އެއް ޓީމަށް ވެފަ އެވެ. ބެލްޖިއަމް އާ ދެކޮޅަށް ކުޅެ 3-1 ލަނޑުން ޖަރުމަން މޮޅުވި މެޗުގެ 30 ވަނަ މިނެޓުގައި މެސުޓް އޮޒިލް ލީޑު ހޯދައިދީފައިވެ އެވެ. އޭގެ ތިން މިނެޓް ފަހުން އަންދުރޭ ޝާލޭ ޖަރުމަނަށް ލީޑު އިތުރަށް ފުޅާކޮށްދިން އިރު، 48 ވަނަ މިނެޓުގައި މާރިއޯ ގޮމޭޒް ވަނީ ޖަރުމަނަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ. ބެލްޖިއަމްގެ ހަމައެކަނި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މާރުއާން ފެލާނީ އެވެ. މިގްރޫޕުގައި ކުޅުނު އަނެއް މެޗުގައި އަޒަރްބައިޖާން މައްޗަށް 1-0 ލަނޑުން ތުރުކީ މޮޅުވުމުން އެޓީމަށް ވަނީ ޕްލޭ އޯފްގެ ޖާގަ ކަށަވަރުވެފަ އެވެ. މިގްރޫޕުގައި ކަޒަކިސްތާން އާއި އޮސްޓްރިއާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ އެއްވެސް ޓިމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ.

ހުރިހާ މެޗަކުން މޮޅުވެ ކޮލިފައިވި ދެޓީމުގެ ތެރެއިން އެއް ޓީމަކަށްވީ އެންމެ ފަހު ޗެމްޕިއަން ސްޕެއިން އެވެ. ގްރޫޕް އައި ގައި ސްކޮޓްލޭންޑާއި ވާދަކޮށް ސްޕެއިން މޮޅުވީ 3-1 ލަނޑުން ނެވެ. މިމެޗުގައި ސްޕެއިން އަށް ޑޭވިޑް ސިލްވާ ދެލަނޑު ކާމިޔާބު ކޮށްދިން އިރު، އަނެއް ލަނޑު ކާމިޔާބު ކޮށްދިނީ ޑޭވިޑް ވިޔާ އެވެ. ސްކޮޓްލޭންޑް އިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު ލިބުނު ޕެނަލްޓިއަކުން ކާމިޔާބުކޮށްދިނީ ޑޭވިޑް ގުޑްވިލީ އެވެ. މިގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ލިތުއޭނިއާ އަތުން 4-1 ލަނޑުން މޮޅުވުމަށް ފަހު ޗެކް ރިޕަބްލިކް ވަނީ ޕްލޭ އޯފް ގެ ޖާގައެއް ކަށަވަރު ކޮށްފަ އެވެ.

ގްރޫޕް އީ އިން ކޮލިފައިވެފައިވާ ނެދަލޭންޑްސް އެއްވެސް މެޗަކުން ބަލިނުވެ ކޮލިފައިން ބުރު ނިންމާލަން ދަނިކޮށް އެކަމަށް ހުރަސް އެޅީ ސްވިޑަން އެވެ. ސްވިޑަން ވަނީ 3-2 ލަނޑުން މެޗު ކާމިޔާބުކޮށް ޕްލޭ އޯފް ގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ލަނޑުޖަހާ ސާދަ ވަނަ މިނެޓުގައި ކިމް ކޯލްސްޓްރޯމް ވަނީ ސްވިޑަން އަށް ލީޑު ހޯދައިދީފަ އެވެ. މެޗުގެ 22 ވަނަ މިނެޓުގައި ނެދަލޭންޑްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ކްލާސް-ޔޭން ހަންޓެއްލާ އެވެ. މެޗުގައ 50 ވަނަ މިނެޓުގައި ޑާކް ކުއިޓް ނެދަލޭންޑްސް އަށް ލީޑު ހޯދައިދީފައި ވަނިކޮށް ސްވިޑަން އިން ވަނީ 53 ވަނަ މިނެޓުގައި ދެލަނޑު ކާމިޔާބު ކޮށްފަ އެވެ. ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީއަކުން ސެބަސްޓިއަން ލާސަން ކާމިޔާބު ކޮށްދިންއިރު، ފަހު ލަނޑު ކާމިޔާބު ކޯށްދިނީ އޮލާ ޓޮއިވަނެން އެވެ. މިގްރޫޕުގައި ފިންލޭންޑާއި ހަންގޭރީ ބައްދަލުކުރި އިރު 0-0 ލަނޑުން ދެޓީމު އެއްވަރު ވެގެން ނިމުނު އިރު، މޮލްޑޯވާ ވަނީ ސެން މެރީނޯ އަތުން 4-0 ލަނޑުން މޮޅުވެފަ އެވެ.

ބަލިނުވެ ކޮލިފައިވީ ދެޓީމު ތެރޭގައި އިޓަލީ އާއި ގްރީސް ހިމެނެ އެވެ. ގްރޫޕް ސީ ގައި ނޮދަން އަޔަލެންޑް އަތުން 3-0 ލަނޑުން އިޓަލީ ވަނީ މޮޅުވެފަ އެވެ. އިޓަލީ އަށް އެންޓޯނިއޯ ކަސާނޯ ދެލަނޑު ކާމިޔާބު ކޮށްދިން އިރު، އަނެއް ލަނޑަކީ ނޮދަން އަޔަލެންޑްގެ ގެރެތް މެކްއޯލޭ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. މިގްރޫޕުގައި ކުޅުނު އަނެއް މެޗުގައި ސްލޮވޭނިއާގެ ގެ ޑެޔާ ވާސިކް ޖެހި ލަނޑުގެ ސަބަބުން ސާބިއާ އަށް ވަނީ ޕްލޭ އޯފްގެ ޖާގަ ގެއްލިފަ އެވެ. މިގްރޫޕުގެ ޕްލޭ އޯފް ޖާގަ ކަށަވަރުވީ އެސްޓޯނިއާ އަށެވެ.

ގްރޫޕް އެފްގައި ފަހަތުން އަރާ ޖޯޖިއާ ގެ މައްޗަށް ކުރި ހޯދާ ގްރީސް ވަނީ ޔޫރޯ ގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. މެޗުގެ ނަވާރަ މިނެޓުގައި ޖޯޖިއާގެ ޑޭވިޑް ތާގަމޭޑްޒޭ ލީޑު ހޯދައިދީފައި ވަނިކޮށް، ޖިއޮޖަސް ފޮޓަކިސް އާއި އެންޖެލޮސް ޗަރިސްޓީސް ޖެހި ލަނޑުން ގްރީސް ވަނީ ސަލާމަތް ވެފަ އެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން ގްރީސް ކުރީގައި އޮވެގެންނެވެ. މިގްރޫޕުގެ ޕްލޭ އޯފް ޖާގަ ކަށަވަރުވީ އަޔަލޭންޑަށެވެ.

ގްރޫޕް ޖީގައި ކުޅުނު ހަމައެކަނި މެޗުގައި ސްވިޒަލޭންޑް އަތުން މޮންޓެނީގްރޯ 2-0 ލަނޑުން ބަލިވި ނަމަވެސް އެޓީމަށް ވަނީ ޕްލޭ އޯފްގެ ޖާގަ އެއް ކަށަވަރު ވެފަ އެވެ. މިމެޗުގައި ސްވިޒަލޭންޑަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ އެރެން ޑާޑިޔޮކް އާއި ސްޓެފަން ލިޗްޓްސްޓޭނާ އެވެ. މިގްރޫޕުން ކޮލިފައިވެފައި ވަނީ އިނގިރޭސި ވިލާތެވެ.

ގްރޫޕުތަކުން މުބާރާތަށް ކޮލިފައިވެފައިވާ ޓީމުތަކަކީ ޖަރުމަން (ގްރޫޕް އޭ)، ރަޝިޔާ (ގްރޫޕް ބީ)، އިޓަލީ (ގްރޫޕް ސީ)، ފްރާންސް (ގްރޫޕް ޑީ)، ނެދަލޭންޑްސް (ގްރޫޕް އީ)، ގްރީސް (ގްރޫޕް އެފް)، އިނިގިރޭސި ވިލާތް (ގްރޫޕް ޖީ)، ޑެންމާކް (ގްރޫޕް އެޗް) އަދި އެންމެ ފަހުގެ ޗެމްޕިއަން ސްޕެއިން (ގްރޫޕް އައި) އެވެ.

ޕްލޭއޯފް ކުޅެގެން މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތުތައް ބައެއް ޓީމުތަކަށް މިވަނީ ލިބިފަ އެވެ. ޕްލޭ އޯފް އަށް ދަތުކުރި ޓީމުތަކަކީ ތުރުކީ، އަޔަލޭންޑް، އެސްޓޯނިއާ، ބޮސްނިއާ-ހާޒެންގޯވީނާ، ސްވިޑަން، ކްރޮއޭޝިއާ، މޮންޓެނީގްރޯ، ޕޯޗުގަލްގެ އިތުރުން ޗެކް ރިޕަބްލިކް އެވެ.