ސައުދީ އަރަބިއާގެ ޖިއްދާގައި ރާއްޖޭގެ ކޮންސިއުލޭޓެއް ހުޅުވުމުން ރާއްޖެ އާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އާ އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެފަދައިން ވިދާޅުވީ އޯއައިސީގެ ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޝާހިދު ވިދާޅުވި ގޮތުގައި ރާއްޖެއަކީ 100 ޕަސެންޓު މުސްލިމް ގައުމެއްގެ ކަމުން، އޯއައިސީއަކީ ރާއްޖޭގެ ރައްޔިތުންނަށާއި ސަރުކާރަށް މުހިއްމު ޖަމްއިއްޔާއެކެވެ. އަދި އިންސާނީ ހައްގުތަކާއި، ވިޔަފާރި އާއި މައުލޫމާތު ހިއްސާ ކުރުމާއި ގާބިލުކަން އިތުރު ކުރުން ފަދަ ދާއިރާތަކުގައި ރާއްޖެއިން އޯއައިސީއަށް އެއްބާރުލުންދޭ މިންވަރު މުސްތަގުބަލުގައި އިތުރު ކުރާނެ އެވެ.

"ރާއްޖެއިން ވަރަށް އަވަހަށް ޖިއްދާގައި ކޮންސިއުލޭޓެއް ހުޅުވާނެ އަދި އޭގެ ސަބަބުން އޯއައިސީއާ އެކު ގާތުން، މާރަނގަޅަށް މަސައްކަތް ކުރަން ރާއްޖެއަށް ފުރުސަތު ލިބޭނެ،" ޝާހިދު ވިދާޅުވި އެވެ.

އެބަޔާނުގައި މިނިސްޓަރު ވަނީ އިސްލާމްދީން ހިމާޔަތް ކުރުމަށާއި އިސްލާމްދީނާ ހިލާފު ފިކުރާ ދެކޮޅަށް އޯއައިސީން ކުރާ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ. ނަމަވެސް އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ހައްދު ފަހަނަ އެޅުމުގެ މައްސަލައާ ދެކޮޅަށް އޯއިސީގެ މެމްބަރުން ގުޅިގެން ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. އަދި މިނިސްޓަރު ޝާހިދު ވަނީ ހުރިހާ ބާވަތެއްގެ ޓެރަރިޒަމް، ހާއްސަކޮށް އިސްލާމްދީނުގެ ނަމުގައި ހިންގާ ޓެރަރިސްޓު އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފަ އެވެ.

މީގެ އިތުރުން ޝާހިދު ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހާލަތަށް އަލިއަޅުއްވާލައްވައި، ރާއްޖެއިން ދެކޭ ގޮތުގައި ފަލަސްތީނާއި އިސްރާއީލުގެ މައްސަލަ ހައްލު ކުރެވެން އޮތީ ދެ ދައުލަތް ގާއިމުކޮށްގެން ކަމަށް ވިދާޅުވެފަ އެވެ. އަދި ސީރިއާ އާއި ޔަމަނުގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން އާއްމު ރައްޔިތުންނަށް ލިބެމުންދާ އަނިޔާތައް ހުއްޓުވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެ، މިޔަންމާގައި ރޮހިންގާ ދަރިކޮޅުގެ މީހުންނަށް ކުރަމުންދާ އަނިޔާތައްވެސް ކުށްވެރި ކުރައްވާފަ އެވެ.

އޭގެ އިތުރުން މިނިސްޓަރު ޝާހިދު ވަނީ އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމަކީ ރާއްޖެއިން ހާއްސަ އިސްކަމެއްދޭ ކަމެއް ކަމަށާއި، ރާއްޖެއިން ވަނީ އޯއައިސީގެ "ޕްލޭން އޮފް އެކްޝަން ފޯ އެޑްވާންސްމެންޓް އޮފް ވިމެން" ތަސްދީގު ކުރަން ފަށާފައިކަން ފާހަގަ ކުރައްވާފަ އެވެ.

އަދި ރާއްޖެއެކޭ އެއްގޮތަށް އޯއައިސީގެ ގިނަ މެމްބަރު ގައުމުތަކަށްވެސް ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރުތަކާ ކުރިމަތިލާން ޖެހިފައި ކަމަށާއި، އެހެންކަމުން ތިމާވެށީގެ މައްސަލަތަކާ ބެހޭ ބައިނަލްއަގުވާމީ މަޝްވަރާތަކުގައި އޯއައިސީން އިސް ދައުރެއް އަދާ ކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ރާއްޖެ އިން އޯއައިސީގެ މެމްބަރަކަށްވީ 1976 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން އެޖަމިއްޔާގެ އެކި ހަރަކާތްތަކުގައި ރާއްޖެއިން ދަނީ ބައިވެރިވަމުންނެވެ. މުސްލިމު ގައުމުތަކުގެ މައްޗަށް އެކުލެވިގެންވާ އެ ޖަމާއަތުގައި މިވަގުތު 57 ގައުމު ހިމެނެ އެވެ.