04 Mar 2019, 08:52
އެމްއެމްއޭގެ ގަވަރުނަރު އަހްމަދު ނަސީރާއި ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިސްވެރިންގެ ގޮތުގައި ކުރިން މަސައްކަތް ކުރެއްވި ދެ ފަރާތެއް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް ހާޒިރުވުމަށް އަންގާފައިވާ ދުވަސް މާދަމާއަށް ބަދަލު ކޮށްފިއެވެ.
މާލިއްޔަތު ކޮމެޓީއަށް ހާޒިރު ވުމަށް އެ ފަރާތްތަކަށް އެންމެ ފުރަތަމަ އެންގީ މިދިޔަ މަހުގެ 26 ވަނަ ދުވަހަށެވެ. ނަމަވެސް އެ ދުވަހު ކޮމެޓީއަށް ހާޒިރު ކޮށްފަ އެއް ނުވެއެވެ.
"ސަން" އަށް އެނގިފައިވާ ގޮތުގައި އެ ފަރާތްތަކަށް މާލިއްޔަތު ކޮމެޓީއަށް ހާޒިރުވުމަށް މިހާރު ސިޓީ ފޮނުވާފައިވަނީ މާދަމާ ހާޒިރުވުމަށެވެ. ގަވަރުނަރު އަހްމަދު ނަސީރުގެ އިތުރުން ދެން އެ ކޮމެޓީއަށް ހާޒިރު ކުރަނީ އެފްއައިޔޫގެ ކުރީގެ ދެ ވެރިން ކަމަށްވާ އިބްރާހިމް އާތިފް ޝަކޫރުއާއި އަބްދުﷲ އަޝްރަފްއެވެ.
އާތިފް ކޮމެޓީއަށް ހާޒިރު ވާން އަންގާފައިވާ ސިޓީ އޭނާ ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި އާންމު ކުރައްވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާއާ ގުޅޭ މުއާމަލާތްތައް ހިންގާފައި ވަނީ އޭނާ، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔާގެ މަގާމުގައި ހުންނެވި ދުވަސްވަރުކަމުން، މާލިއްޔަތު ކޮމެޓީގެ މެންބަރުން އާތިފްއާ ބައްދަލު ކުރައްވަން ބޭނުންފުޅުވާތީ ހާޒިރު ކުރައްވަނީ ކަމަށެވެ.
އެފްއައިޔޫގެ ވެރިޔާގެ މަގާމުން އާތިފް އިސްތިއުފާދެއްވީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.
އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ތަހުގީގު ރިޕޯޓަށް އާތިފް ދެއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ އެސްއޯފުން ބޮޑެތި އަދަދުތަކުގެ މުއާމަލާތް ހިންގުމާއި އެ ފައިސާ ވަންނަނީ ކޮން އެކައުންޓްތަކަކަށް ކަން އެފްއައިޔޫގެ ރިޕޯޓުން އެނގޭން އޮތުމާ އެކު އެކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނެ ކަމަށް އޭރުގެ ގަވަރުނަރަށް ދެންނެވި ނަމަވެސް، އެކަން ތަހުގީގުކުރުމަށް ފުލުސް އޮފީހަށް ހުށަހަޅަން އިންކާރު ކުރައްވައި އޭރުގެ ގަވަރުނަރު އަޒީމާ ނެންގެވީ އެ ޔުނިޓުގައި މުވައްޒަފުން މަދު މައްސަލަ ކަމަށެވެ.
އެމްއައިޔޫއަކީ އެމްއެމްއޭގައި އޮންނަ މިނިވަން ޔުނިޓެކެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތަކީ މަނީ ލޯންޑަރިން ހުއްޓުވާ ޓެރަރިޒަމަށް ފަންޑު ކުރުން ހުއްޓުވައި އެފަދަ ކަންތައް ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމެވެ.