ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ، ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ދީފި ނަމަ ރައްޔިތުން ކަރުއަޅާ ރޯން ޖެހޭނެ ކަމަށް އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ވަގުތީ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އާއި ކޮންގްރެސް ޕާޓީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ސަރުކާރު ޖަވާބުދާރީ ކުރެވޭނީ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބިގެން ކަމަށާއި އެމްޑީޕީއަށް މެޖޯރިޓީ ލިބިއްޖެނަމަ ދިވެހީންގެ މިނިވަންކަން ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"މި އިންތިހާބްގެ މެޖޯރިޓީ އެމްޑީޕީއަށް ލިބިއްޖެ ނަމަ ދެން އިތުރަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެއޭ ކިޔަން އަޅުގަނޑުމެން އުޅެގެން ނުވާނެ. މިނިވަން ބަޔެކޭ ބުނުމުގެ ޖާގައެއް އަޅުގަނޑުމެންނަކަށް ނޯންނާނެ،" އަދުރޭ ވިދާޅުވިއެވެ.

"އެމްޑީޕީއަށް މަޖިލިސްގެ މެޖޯރިޓީ ލިބިއްޖެއްޔާ އަޅުގަނޑުމެން ކަރުއަޅާ ރޯން ޖެހޭނެ،"

އޭޕްރީލް ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު އަދުރޭ ވަނީ ކޮށްފަ އެވެ. އެގޮތުން އިދިކޮޅު ހަމަ އެކަނި ލީޑަރުގެ ގޮތުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރު ކުރުމަކީ ސަރުކާރުން ސީދާ ގޮތެއްގައި ނުފޫޒު ފޯރުވުމަށް ކުރި ކަމެއްގެ ގޮތުގައި އަދުރޭ ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މަޖިލީހުގެ ހުރިހާ ގޮނޑިއަށް ވާދަ ނުކުރި ނަމަވެސް ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓުންގެ ލިސްޓެއް މާދަމާ އާންމު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ގައުމަށް ހެޔޮ އެދޭ ހުރިހާ ރައްޔިތުން ވެސް އެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް އަދުރޭ ވަނީ އެދިވަޑައިގެންފަ އެވެ.

"މި ގައުމުގެ މިނިވަންކަން ގެއްލިގެން ދަނީ. އަޅުގަނޑުމެންގެ އަމިއްލަވަންތަ ކަން އަތުން ބީވެގެން ދަނީ. އެހެންވެގެން މި ދަންނަވަނީ މި ކަންކަން އަލުން އަނބުރާ އިޔާދަކުރުމަށް އޮތް ހަމަ އެކަނި ފުރުސަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ޕީޕީއެމް ޕީއެންސީ އާއި އަދި ރައީސް ޔާމީން ތާއީދު ކުރައްވާ ކެންޑިޑޭޓުންނަށް ދެއްވުމޭ،" އަދުރޭ ވިދާޅުވި އެވެ.